13 Dec 2019, 13:56
ޔޫއެންޑީޕީއިން އާންމުކުރާ ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސް (އެޗްޑީއައި) ގައި ރާއްޖެ، 104 ވަނަ ދަރަޖައިގައި ހިމެނިއްޖެ އެވެ.
ޔޫއެންޑީޕީ އިން އެކުލަވާލި ރިޕޯޓުން އެނގޭ ގޮތުގައި ރާއްޖެއަށް ވަނީ އެކި ދާއިރާތަކުން ތަފާތު ކުރިއެރުން ލިބިފަ އެވެ. އެހެންނަމަވެސް 189 ގައުމު ހިމެނޭ އެޗްޑީއައި ލިސްޓުގައި ރާއްޖެ އޮތީ ވަރަށް ފަހަތުގަ އެވެ.
ހިއުމަން ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާގޮތުގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން، އެންމެ ކުރި އަރާފައިވަނީ ސްރީލަންކާ އެވެ. ސްރީލަންކާ ހިމެނިފައިވަނީ އިންޑެކްސްގެ 71 ވަނައިގަ އެވެ.
ރާއްޖެ މި ހިމެނޭ ސަރަހައްދުގެ އެހެން ގައުމުތައް ހުރީ 100 އިން މަތީގަ އެވެ. އެގޮތުން އިންޑިއާ 129 ގައި އޮތް އިރު ބަންގްލަދޭޝް އޮތީ 135ގަ އެވެ. ނޭޕާލް 147 ގައި އޮތް އިރު ބޫޓާން އޮތީ 134ގަ އެވެ.
އެ ލިސްޓުގެ އެންމެ ގޯސް ކަމަށް ފާހަގަކުރެވެނީ ޕާކިސްތާނެވެ. އެގޮތުން 189 ގައުމުތަކުގެ ތެރެއިން ޕާކިސްތާނު ހިމެނިފައިވަނީ 152 ގައެވެ.
އިންސާނީ ހައްގުތަކުގެ ހުރިހާ ދާއިރާއަކުންވެސް ރާއްޖެ ދަނީ ކުރިއަރަމުން ކަމަށް ޔޫއެންޑީޕީގެ ރިޕޯޓްގައި ފާހަގަކުރި އެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ރައްޔިތެއްގެ ބޮލަށް ޖެހޭ މިންވަރު، ޖީޑީޕީ ޕާކެޕިޓާ އިންކަމް ވަނީ ފާއިތުވި 29 ވަރަކަށް އަހަރުގެ ތެރޭގައި ކުރިއަރާފައި ކަމަށް ރިޕޯޓްގައިވެ އެވެ. އެގޮތުން 1990ގައި ރައްޔިތެއްގެ ބޮލަށް ޖެހޭ އާންމުދަނީ 6،261 ޑޮލަރުގައި ހުރި އިރު މި އަހަރު އެ އަދަދު ހުރީ 12،549 ޑޮލަރުގަ އެވެ.
ތައުލީމު ފޯރުކޮށްދިނުމުގެ ފެންވަރުވެސް ވަނީ 1990 އިން ފެށިގެން މިއަހަރާ ހަމައަށް ކުރިއަރާފަ އެވެ. އެގޮތުން ސްކޫލުގައި ދަރިވަރުން ހޭދަކުރާ އަހަރުގެ އަދަދު ވަނީ 8.5 އިން 12.1 އަށް އިތުރުވެފައި ކަން ރިޕޯޓްގައިވެ އެވެ.