13 Dec 2019, 10:57
މާވެޔޮ މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން ނިންމޭތޯ ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނީ މިސްކިތްތަކުގެ މަސަައްކަތް ނުނިމި ލަސްވަމުންދާ މައްސަަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީ އިން ވަނީ މިސްކިތުތަކުގެ މަސައްކަތް ކުރިއަށްގެންދާ ފަރާތްތަކާ ބައްދަލު ކުރައްވައިފަ އެވެ.
މިހާރު މާލޭގައި ކުރިއަށް ދަނީ ތިން މިސްކިތެއްގެ މަސައްކަތެވެ. އެއީ މާވެޔޮ މިސްކިތާއި، މާފައްނު އާ މިސްކިތާއި، ޒިކުރާ މިސްކިތުގެ މަސައްކަތެވެ. އޭގެ ތެރެއިން ޒިކުރާ މިސްކިތް އަޅަން ހެދި އެއްބަސްވުމުގައި މައްސަލައެއް ދިމާވެގެން އެ މައްސަލަ މިހާރު ވަނީ ކޯޓަށް ވައްދައިފަ އެވެ. އެހެންކަމުން އެ މިސްކިތުގެ މަސައްކަތް އޮތީ ހުއްޓިފަ އެެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނި ގޮތުގައި މާފަންނު އާ މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި މިހާރު އެ މިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
މިނިސްޓްރީއިން ބުނި ގޮތުގައި މާވެޔޮ މިސްކިތުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތެވެ. އެގޮތުން، ބިއްލޫރި ޕެނަލްތައް ހަރުކުރުމާއި، ކަރަންޓު ސެޓުތަކާއި ސްވިޗުތައް ހަރުކުރުމާއި، ކުލަ ލުމާއި، ކާޕެޓު އެޅުމާއި، ކެލިގްރަފީގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހު "ސަން"އަށް ވިދާޅުވީ، މާފައްނު އާ މިސްކިތުގެ މަސައްކަތް އަންނަ ރޯދަ މަހުގެ ކުރިން ނުނިމޭނެ ކަމަށެވެ. އެހެންނަމަވެސް، މާވެޔޮ މިސްކިތް ރޯދަ މަހުގެ ކުރިން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ މާވެޔޮ މިސްކިތް ތަޅާލީ 2016 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެ މިސްކިތުގެ މަސައްކަތް މިދިޔަ ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން މީގެ ކުރިން ބުންޏެވެ. އެކަމަކު އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައެެއް ނުވެ އެވެ.
މިދިޔަ ރޯދަ މަހު އެ މިސްކިތް ހުންނަ ތަނުގައި ނަމާދު ކުރީ ވަގުތީ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ.