27 Nov 2011, 12:16
ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ އިތުރު މަންޒިލަކަށް މެގަ މޯލްޑިވްސް އިން ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.
މެގަމޯލްޑިވްސް އިން މިއަދު ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައި ވަނީ ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށެއް ކަމަށްވާ ޗޮންގިންއަށް އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް މިދިޔަ ހުކުރު ދުވަހު ފަށާފައިވާ ކަމަށެވެ. ބުނީ އެ އެއާލައިންގެ ދަތުރުތައް ޗައިނާގެ ޗޮންގިންއަށް ހަފުތާއަކު ފަސް ދުވަހު ބާއްވާނެ ކަމަށެވެ.
ޗައިނާގެ ޗޮންގިންއަކީ ޗައިނާގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެއް ރަށް ކަމަށާއި ޗައިނާގައި އުފައްދާ ވެހިކަލްގެ ތިން ބައިކުޅަ އެއްބައި އުފައްދަނީ އެރަށުގައި ކަން މެގަމޯލްޑިވްސްގެ ބަޔާނުގައި ވެއެވެ.
އަދި އެއާލައިނުން ފާހަގަކުރާ ގޮތުގައި ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ މައްސަލަތަކާ ހެދި ޔޫރަޕުގެ ގައުމުތަކުން ޓޫރިސްޓުން ރާއްޖެ އައުން މަދުވެފައި ވާއިރު ރާއްޖެއަށް މިހާރު ޓޫރިސްޓުން ގެނެވޭނެ އެންމެ މުހިއްމު ގައުމަކީ ޗައިނާއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންއަށާއި އެ ގައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށެއް ކަމަށްވާ ޝަންހާއީއަށް އަދި ހޮންކޮންގަށް ވެސް މެގަމޯލްޑިވްސް އިން އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އިތުރު މަތިންދާ ބޯޓް ހޯދައި، މެދު އިރުމަތީގެ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މެގަމޯލްޑިވްސް އިން ކުރިން ވަނީ ބުނެފައެވެ.