27 Nov 2011, 11:07
ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަކީ، ހަމައެކަނި ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދަންދާ ޓީމެއް ނޫން ކަމަށާއި، އެއީ، ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރަން ނުކުންނަ ފަހުލަވާނުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ ޤައުމިއްޔަތެއް ބިނާވެގެންދަނީ ޤައުމުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ފަޚުރުވެރިވެވުމުން ކަމަށެވެ. އަދި ވިދާޅުވީ ކުޅިވަރަކީ، ފަޚުރުވެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށް ބޭނުންކުރެވެން އޮތް ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި، ޤައުމީ ފުޓްބޯޅަ ޓީމަކީ، ރައްޔިތުން ފަޚުރުވެރިވާނެފަދަ ޤައުމެއް ބިނާކުރާކުރާ ޓީމެއް ކަމަށެވެ.
ރައީސް ވާހަކަފުޅުގައި، ރާއްޖޭގައި ކުޅޭ ކުޅިވަރުތައް ތަރައްޤީ ކުރަން ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުމަކީ، ސަރުކާރާއި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ސާފް ޗެމްޕިއަންޝިޕް ފަށާއިރު، މީގެ ކުރިން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، މިފަހަރުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ޤައުމީ ޓީމް ކުރިން ނެރުނު ނަތީޖާތަކަށްވުރެ، މިފަހަރުގެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ޓީމް ނެރުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މުބާރާތައް ޤައުމީ ޓީމް ނުކުންނާނީ ކުރިއާލައި ތައްޔާރު ވެގެން މުބާރާތް ކާމިޔާބު ކުރަން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޤައުމީ ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދިނުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިން އިންޑިޔާއަށް ދާނޭކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ކިރިޔާވެސް ވަގުތެއް ލިބިވަޑައިގެންފިނަމަ ސަޕޯޓްކުރުމަށް އެމަނިކުފާން ވެސް ވަޑައިގަންނަވާނެ ކަމަށެވެ.