ހއ. އަތޮޅުގޭގެ މައްސަލައާއި އަތޮޅު ކައުންސިލްގެ ރައީސް މަގާގަމުން ދުރުކުރި މައްސަލަ ހޫނުވެފައި ވަނިކޮށް އަތޮޅު ކައުންސިލްގެ ޖަލްސާއެއް އަންނަ އަންގާރަ ދުވަހު އެ އަތޮޅު ހޯރަފުށީގައި ބާއްވަން ނިންމައި އެޖެންޑާކޮށްފި އެވެ.

އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އަންގާރަ ދުވަހު ހޯރަފުށީގައި ކައުންސިލްގެ ބައްދަލުވުން ބާއްވަން އެޖެންޑާކޮށް ހުރިހާ ކައުންސިލަރުންނަށް އަންގަވަމުން ގެންދަވާކަމަށާއި، ކައުންސިލަރުން ހޯރަފުއްޓަށް ވަޑައިގަތުމުން ކައުންސިލްގެ ބައްދަލުވުން ދިއްދޫ ފިޔަވާ އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް އެ ދުވަހު ބާއްވާނެ ކަމަށެވެ.

ހޯރަފުށީގައި ބާއްވާ ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކުރައްވަނީ ކޮން ކަންތަކަކަށް ކަމެއް ރަޝީދު ވިދާޅެއް ނުވެއެވެ.

އަތޮޅު ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ޑީއާރްޕީގެ މެމްބަރު ހުސައިން ނަސީރު މިއަދު ވިދާޅުވީ ކޮންމެ އަންގާރަ ދުވަހަކީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ކަނޑައަޅާފައި އޮންނަ ދުވަހެއް ކަމަށްވާތީ އާއި ކައުންސިލުގެ ބައްދަލުވުމެއް ދިއްދޫގައި ބޭއްވޭނެ މާހައުލެއް ގާއިމްވެފައިވާކަމަށް ކައުންސިލުގެ ބައެއް މެންބަރުންނަށް ގަބޫލު ނުކުރެއްވޭތީ ހޯރަފުށީގައި ބައްދަލުވާން ނީންމީ ކަމަށެވެ. އަދި ވިދާޅުވީ ހޯރަފުށީ ބައްދަލުވުމުގައި މަޝްވަރާކުރަން ނިންމާފައި ވަނީ ދިއްދޫގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ފުލުހުންގެ އެއްބާރުލުން ނުލިބުނު މައްސަލައިގެ މައްޗަށް ކަމަށެވެ.

"މޫސުން ތަންދޭ ކަމަށް ވަނީނަމަ އެ ދުވަހު ކައުންސިލްގެ ބައްދަލުވުމަށް ހޯރަފުއްޓަށް އަޅުގަނޑު ދާނަން. މަޝްވަރާކުރާނީ ދިއްދޫގައި ހިނގައިދިޔަ ކަންތަކުގައި ފުލުހުންގެ އެއްބާރުލުން ނުލިބުނު މައްސަލައަށް. އެ ދުވަހުގެ ހަމަނުޖެހުމުގައި ވަރަށް ކުރިން އަޅުގަނޑުމެން ފުލުހުންނަށް އަންގާފައިވާނެ. ނަމަވެސް ފުލުހުންގެ އެހީތެރިކަން ލިބުމުގައި ވަރަށް ބޮޑަށް ލަސްވި އެހެންވީމަ އެކަންކަމާގުޅޭ ގޮތުން ކައުންސިލްގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެ،" ހުސެން ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ދިއްދޫގައި ކައުންސިލަރުންނަށް ތިބެވޭނެ މާހައުލެއް ގާއިމް ނުކޮށްދެވެނީސް ދިއްދޫއަށް ނުދާން ކައުންސިލަރުން ނިންމަވަފައިވާކަން ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.

ދިއްދޫގައި މައްސަލަ އުފެދުނީ މިދިޔަ ހޯމަ ދުވަހު ދިއްދޫ ރަށު ކައުންސިލްގެ އިދާރާ، އަތޮޅުގެ އަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި އަތޮޅުގޭގައި ތަޅު އެޅުވި ހިސާބުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން އަތޮޅު ކައުންސިލުން އެ ކައުންސިލްގެ ރައީސް، ދިއްދު އަށް ނިސްބަތްވެވަޑައިގަންނަވާ ޔޫސުފް ސިރާޖުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް އޭނާ ވަނީ މަގާމުން ވެސް ދުރުކޮށްފަ އެވެ.

ހއ. އަތޮޅު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ ދެ މެމްބަރުންނާއި އިހަވަންދޫ ދާއިރާގެ ދެ މެންބަރުންނާއި އަދި ހޯރަފުށީދާއިރާގެ ދެ މެންބަރުންގެ އިތުރަށް ޑީއާރްޕީއަށް ނިސްބަތްވާ ބާރަށު ދައިރާގެ ދެ މެންބަރުންނާއި ކެލާދާއިރާގެ ދެ މެންބަރުންނެވެ. ދިއްދޫއަށް ނިސްބަތް ނުވާ އަނެއް އަށް މެންބަރުން މިވަގުތު ތިއްބެވީ އެ މެންބަރުންނަށް ނިސްބަތްވާ ރަށްރަށުގަ އެވެ.

ދިއްދޫގެ ހިނގި ހަމަނުޖެހުމަށްފަހު ފުލުސް ކޮމިޝަނަރު ފަސީހަށް ހޯމް މިނިސްޓަރު ހަސަން އަފީފު ފޮނުއްވެވި ސިޓީއެއްގައި ބުނެފައި ވަނީ ފިނޭންސުން ހޯމް މިނިސްޓްރީއާ އަތޮޅުގެތައް ހަވާލުކޮށްފައި ވާތީ ގައުމީ އިދާރާ ހިންގަމުންގެންދާ ހދ. އަތޮޅުގެ އާއި ދ. އަތޮޅު އަތޮޅުގެ އާއި ގދ. އަތޮޅު ގެއާއި ޏ. ފުވައްމުލަކު އަތޮޅުގެ ފިޔަވާ އެ ނޫން އަތޮޅުގެތަކުގެ އިންވެންޓްރީ ނަގައި އެތަންތަން ވަކިފަރާތަކާ ހަވާލުކުރެވެންދެން މިވަގުތު އަތޮޅުގެތަކުގައި އެއްވެސް ފަރާތެއް ދިރިއުޅެމުންދާނަމަ އެފަރާތްތައް އެތަންތަނުން ނެރެ އެތަންތަނާ ފުލުހުން ހަވާލުވުމަށެވެ.

ހދ، ދ، ގދ، ޏ. އަތޮޅުގެ އަތޮޅުގެތަކަކީ އެ ސަރަހައްދުތަކުގެ ގައުމީ އިދާރާ ހިންގާ މަރުކަޒުތައް ކަމަށެވެ.

ކުށެއްގެ އިސްލާހު:

ހއ. އަތޮޅު ކައުންސިލްގެ ބައްދަލުވުން ހޯރަފުށީގައި ބާއްވަނީ ހޯމަ ދުވަހު ކަމަށް ހަބަރުގައި ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ހއ. އަތޮޅުކައުންސިލްގެ ބައްދަލުވުން ހޯރަފުށީގައި ބާއްވާނީ އަންގާރަ ދުވަހު އެވެ.