27 Nov 2011, 10:40
އަންނަ ޑިސެމްބަރު މަހު އިންޑިޔާއާ ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް ، އެހިދުމަތް ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބުރުއަރީ މަހު ކަމަށް އިންޑިޔާ އިން ބުނެފި އެވެ.
އިންޑިޔާގެ އައިބީއެން ލައިވް ނޫހުން ބުނީ ރާއްޖެ އަށް ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ގައުމީ ޝިޕިން ލައިން "ދަ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިޔާ" )އެސްސީއައި(ގެ އޮފިޝަލުންނާއި ކޮޗިން ޕޯޓް ޓްރަސްޓްގެ އޮފިޝަލުން ރާއްޖޭގެ ވަފުދަކާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ފެރީގެ ހިދުމަތް އަންނަ ޖެނުއަރީ މަހު ނުވަތަ ފެބުރުއަރީ މަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އައިބީއެން ލައިވްގައި ވަނީ ފެރީގެ ހިދުމަތް ފެށުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކޮޗިނަށް ވަޑައިގަތީ ރާއްޖޭގެ ޕޯޓްސް ލިމިޓެޑްގެ ޑެޕިއުޓީ ސީއީއޯ ހުސެން ނައީމާއި އެ ކުންފުނީގެ އިތުރު ހަތަރު އޮފިސަރުން ކަމަށެވެ.
ކޮޗިން ޕޯޓް ޓްރަސްޓާ ހަވާލާދީ އެ ނޫހުގައިވާ ގޮތުން ރާއްޖެ އާއި އިންޑިޔާއާ ދެމެދު ފަށާ ފެރީގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރުގައި 300 ޕަސިންޖަރުންނާއި 15 އާއި 20 އާ ދެމެދުގެ އަދަދަކަށް ކޮންޓެއިނާ އަދި 500 ޓަނުގެ ބްރޭކް ބަލްކް ކާގޯ އުފުލޭނެ އެވެ.
އަދި ފެރީގެ ހިދުމަތަށް ބޭނުންވާ ޓާމިނަލް ބިނާކުރުމުގެ މަސައްކަތަށް ހަތް ކްރޯޑް ރުޕީސް ހަރަދުވާނެ ކަމަށާއި އެ މަސައްކަތް މުޅިން ނިމޭނީ އަންނަ މާޗް މަހު ކަމަށް ވެސް ކޮޗިން ޕޯޓް ޓްރަސްޓުން ބުނެފައިވެ އެވެ.
އިންޑިޔާ އާއި ސްރީލަންކާއާ ދެމެދު މި އަހަރުގެ ކުރީކޮޅު ފެރީގެ ހިދުމަތް ވަނީ ފަށައިފަ އެވެ. ރާއްޖެއާ އިންޑިޔާއާ ދެމެދު ފެރީގެ ހިދުމަތް އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ 17 ވަނަ ސާސް ސަމިޓް ނިންމަވައިލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.