12 Dec 2019, 09:35
"ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު"ގެ ނަމުގައި އީގާން ބަދީއު ބާއްވާ ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަނަށް ވަޑައިގެން އެ މައުރަޒުގައި ހުރި ކުރެހުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.
މި މައުރަޒު ކުރިއަށް ދިޔައީ މި މަހުގެ ހަތްވަނަ ދުވަހުން 11 ވަނަ ދުވަހަށް ނެޝަނަލް އާޓް ގެލަރީގައެވެ.
މި މައުރަޒުގައި ފެންކުލައިން ކުރަހާފައިވާ 11 ކުރެހުމަކާއެކު ޖުމްލަ 30 ކޮންޓެމްޕޮރަރީ އާރޓް ޕީސް ދައްކާލާފައިވެއެވެ. އެގޮތުން، ބައެއް އާރޓް ޕީސް ތައްޔާރުކުރުމުގައި ޕްލާސްޓިކް ވެސް ވަނީ ބޭނުންކޮށްފައެވެ.
މި މައުރަޒުގެ ތީމް ކަމަށްވާ "ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު" ން ދައްކުވައިދޭ ފަންހާ މަސް ރަމްޒުކޮށްދެނީ ގުދުރަތީ ރީތިކަމާއި ކަނޑުފަޅުތަކުގެ ދިރުންތަކެވެ. އަދި ޕްލާސްޓިކް ކޮތަޅު ރަމްޒުކޮށްދެނީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ.