27 Nov 2011, 09:28
އިސްލާމް ދީނަށް ގޮންޖަސަވައި އަންހެނުން ޒިނޭ ކުރުމުން ހައްދުޖެހުމާ ދެކޮޅަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ ކުށްވެރިކޮށް، ޕިއްލޭއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ރޭ ވެސް މާލޭގައި މުޒާހަރާކޮށްފި އެވެ.
ކުރީ ރޭތަކޭ އެއްގޮތަށް ރޭގެ މުޒާހަރާ ވެސް ފަށާފައި ވަނީ ރޭ 9:00 އެހާކަންހާއިރު ސުނާމީ ބިނާ ކައިރިންނެވެ. ސުނާމީ ބިނާ ކައިރިން ޝުއޫރު ފާޅުކުރަމުން މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުގެ އުތުރަށް ގޮސް މަޖީދީމަގަށް ވަދެ ގިނައިރުތަކެއް ވަންދެން މަޑުކޮށް އެމީހުންގެ ޝުއޫރު ފާޅުކޮށްފަ އެވެ.
ނަވީ ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީ އަށް ގޮންޖައްސަވައި ވާހަކަ ދެއްކެވި އިރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ރޭޑިއޯ ޚިތާބުގައި އެކަން ކުށްވެރިކޮށް ވާހަކަ ދައްކަވާފައި ނުވާތީ މުޒާހަރާގެ ބައިވެރިން ރޭ ވަނީ އެކަން ފާހަގަކޮށް ޝުއޫރުފާޅުކޮށްފަ އެވެ.
ކީރިތި ގުރުއާނުގައި ކަނޑައެޅިގެން ކުރަން އަންގަވާފައިވާ ކަންތައްތަކާ ދެކޮޅަށް ޕިއްލޭ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ކުރިން އޭނާގެ ސުޕީޗްގެ ދިވެހި ތަރުޖަމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި އެހެންކަމުން އިސްލާމްދީން ހިމާޔަތްކުރުމުގައި މަޖިލީސް މެންބަރުން އިހުމާލުވެފައިވާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލައިފަ އެވެ.
ޕިއްލޭ ދެއްކެވި ވާހަތައް ކުށްވެރިކޮށް އަޑު އުފުލައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ދެ ވަނަ ފަހަރަށް އިސްލާމްދީނާއި ޚިލާފް ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގައި ނުދެއްކޭ ގޮތަށް ގަރާރެއް ފާސްކޮށްދިނުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވައިލައިފަ އެވެ.
މުޒާހަރާގެ ބައިވެރިން ރޭ ވެސް ވަނީ އަމީނީމަގުން ގޮސް ޔޫއެން ބިލްޑިންގް ކުރިމައްޗަށް ދިޔުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ޔޫއެން ބިލްޑިން ކުރިމަށްޗަށް ނުދެވޭނެހެން އަމީނީމަގުން ޔޫއެން ބިލްޑިންއާ ދިމާލަށް ދާން އޮންނަ މަގު ބަންދުކޮށްފަ އެވެ.
ރޭގެ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ނާއިބު ރައީސް ޑރ. މައުރޫފް ހުސެއިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ފުލުހުން އެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުގައި ފަނަރަ ވަރަށް މިނެޓް ޝުއޫރު ފާޅުކުރުމަށް ފަހު މުޒާހަރާގެ ބައިވެރިން މުޒާހަރާ ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. މުޒާހަރާ ނިންމާލަމުން މުޒާހާރާ ލީޑުކުރި މަދަނީ އިއްތިހާދުގެ އިސްހަރަކާތްތެރިޔާ އަބްދުﷲ މުހައްމަދު ވިދާޅުވީ މި ރޭ މުޒާހަރާ ނޯންނާނެ ކަމަށާއި މުޒާހަރާ ދެންއޮންނާނެ ތާރީޚެއް މީޑިއާ މެދުވެރިކޮށް އިއުލާން ކުރައްވާނެ ކަމަށެވެ.