މެނީލާ (ނޮވެމްބަރ 27) : ފިލިޕީންސްގެ ކުރީގެ ރައީސާ ގްލޯރިޔާ މަކަޕާގަލް އަރޯޔޯގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ތުހުމަތުތައް ތަޙްޤީޤް ކުރުމަށްޓަކައި އެކަމަނާ ޖަލުގައި ހައްޔަރުކުރުމަށް އެޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ފިލިޕީންސްގެ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔާނާ ޚުވާނާ ބަލީސާ ފުލުހުންނަށް ގޮވާލެއްވީ މައްޗަށް ކުރެވިފައިވާ ޖިނާއީ ތުހުމަތުތައް ތަޙްޤީޤް ކުރުމަށްޓަކައި އެކަމަނާ ޖަލުގައި ހައްޔަރުކުރުމަށެވެ. އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދެވުމަށް މެނީލާގެ ސެންޓްލޮކް ހޮސްޕިޓަލްގައި މިހާރު އޮންނެވި އަރޯޔޯ ހޮސްޕިޓަލުން ދޫކޮށްލެވޭ މިންވަރަށް އޭނާގެ ސިއްޙަތު ރަނގަނޅުކަމަށް އޭނާއަށް ފަރުވާދެއްވާ ޑޮކްޓަރުން ވިދާޅުވާ ކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. އަރޯޔޯއަށް ފަރުވާދެއްވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ އަންހެން ޑޮކްޓަރަކުވަނީ އަރޯޔޯ ހޮސްޕިޓަލުން ދޫކޮށްލެވޭ މިންވަރަށް އޭނާގެ ސިއްޙަތު ރަނގަނޅުކަމަށް ކޯޓުގައި ހެކިބަސްދީފައެވެ.

ފިލިޕީންސްގެ ކުރީގެ ރައީސާ ގެ މައްޗަށް ކުރެވިފައިވަނީ އިންތިޚާބުގައި މަކަރު ހެއްދެވުމާއި އޮޅުވާލެއްވުމުގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުތަކެކެވެ. މިތުހުމަތުތަކާ ގުޅިގެން ޕިލިޕީންސްގެ ފުލުހުން އެކަމަނާ ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޭރު އެކަމަނާގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާތީ އެކަމަނާ އޮންނެވި ހޮސްޕިޓަލްގެ ކުރިމަތީގައި އޭރުއްސުރެ ފުލުހުން ގެންދަނީ ފޯރިމަރަމުންނެވެ.

އަރޯޔޯގެ ސިއްޙީ ޙާލުކޮޅު އާދައިގެ ޙާލަތަކަށް އައުމުން ހޮސްޕިޓަލުނޫން އެހެންތަނެއްގައި އެކަމަނާ ހައްޔަރުކުރެވޭނެކަމަށް މެނީލާގެ ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ ޖޭމްސް ބުކަޔޯ ވިދާޅުވެފައިވެއެވެ. ނަމަވެސް އެކަމަނާ ޖަލުގައި ހައްޔަރުކުރާނެކަން ނުވަތަ ނޫންކަން ޕިލިޕީންސްގެ ފުލުހުން އަދި ކަށަވަރުކޮށެއް ނުދެއެވެ.

2001 ން 2010 ށް ފިލިޕީންސްގެ ރައީސްކަންކުރެއްވި އަރޯޔޯގެ މައްޗަށް ކުރެވިފައިވާ ވޯޓު އޮޅުވާލުމާއި އިންތިޚާބުގައި މަކަރު ހެދުމުގެ ކުށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. އަރޯޔޯވަނީ ފަރުވާހޯއްދެވުމުގެ ނަމުގައި ޤައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަތުމަށް ތަންކޮޅެއްކުރިން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކަމަނާ ސިންގަޕޫރަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވީ މިތުހުމަތުތަކުގައި ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤްތަކުން ސަލާމަތްވުމުގެ ބޭނުމުގައި ކަމަށް ޝައްކުކުރެވިގެން ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރިޔަނުދީ އެއަރޕޯޓުން ވަނީ ހިފަހައްޓާފައެވެ. -- ނޫސްއެޖެންސީތައް