26 Nov 2011, 21:31
ދިވެހި ބަހުގެ އާ ރަދީފު ފޮތެއް މިއަދު ގައުމީ ޔުނިވަސިޓީން ބާޒާރަށް ނެރެފި އެވެ.
ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ ފޮތް ނެރެދެއްވީ ނިކަގަސް މަގުގައި ހުންނަ ޔުނިވަސިޓީގެ "ޖީ" ބްލޮކްގައި ބޭއްވި ހަފްލާއެއްގަ އެވެ.
އެ ފޮތް ނެރެދެއްވުމަށް ފަހު ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ފޮތް ނެރެދެއްވުމުގައި ބަސްކޮމެޓީގެ ހުރިހާ މެންބަރުން ކޮށްދެއްވި މަސައްކަތަކީ ދިވެހި ގައުމަށް ކޮށްދެއްވި މަސައްކަތެއް ކަމަށެވެ. އަދި މިފަދަ މުހިއްމު ފޮތެއް ތައްޔާރުކުރެވުމުން ކިޔަވާ ކުދިންނަށާއި ޓީޗަރުންނަށް ފޮތް ދިރާސާކޮށް ބެލުމުގެ ފުރުސަތު ލިބި، ބަސް ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ޤަޢުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އައްޝައިޚް ފައްޔާޒް އަލި މަނިކު ވިދާޅުވީ ދިވެހި ރާއްޖޭގެ ޤަޢުމީ ޔުނިވަސިޓީން އެކުލަވާލި މި ބަސް ފޮތުގައި މީގެ ކުރިން ނެރެފައިވާ ރަދީފުގައި ހިމެނިފައިވާ ބަސްތަކާއި ބަސް ސީޑީގައި ހިމެނޭ ބަސްތަކާއި ކުރީގެ ބަސްތަކަށް އިސްލާޙުތަކެއް ވެސް ގެނެސްފައިވާނެ ކަމަށެވެ. ދިވެހި ބަހުގެ މައިގަނޑު ގިނަ ލަފްޒުތައް ހިމެނޭ 35،000 އަށް ވުރެ ގިނަ ބަސް ފޮތުގައި ހިމަނާފައިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ހަފްލާގައި ވަނީ ދިވެހި ބަސްކޮމެޓީގެ މެންބަރުންނަށާއި އެކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އާ ބަސްފޮތުގެ ކޮޕީއެއް ހަދިޔާކޮށްފަ އެވެ.
ދިވެހި ބަހުގެ އާ ފޮތް އާއްމުކޮށް ވިއްކުމަށް ހަމަޖެހިފައި ވަނީ 275ރު އާއި 375 ރުފިޔާ އަށް ކަމަށް ގައުމީ ޔުނިވަސިޓީން ބުންޏެވެ.