މާޒިޔާ ސްޕޯޓްސް ކުލަބްގެ އަކްރަމް އަބްދުލް ޣަނީ އާއި މުހައްމަދު އުމައިރު ވިކްޓަރީ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފި އެވެ. މި ދެ ކުޅުންތެރިން ސޮއި ކޮށްފައި ވަނީ އެއް އަހަރު ދުވަހަށެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ކުޅުންތެރިން ވިކްޓަރީއަށް ސޮއި ކޮށްފައި ވަނީ ދެލަށްކަ ރުފިޔާއަށް ވުރެ ބޮޑު އަގަކަށެވެ.

އަކްރަމް އާއި އުމައިރު، ވިކްޓަރީއަށް ސޮއިކޮށްފައި ވަނީ މިފަހަރުގެ ސާފްޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ޤައުމީ ޓީމް މެލޭޝިޔާއަށް ކުރި ތަމްރީން ދަތުރު ނިންމާލުމަށް ފަހު މާލެ އާ ދުވަހު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުލަބުތަކުން މިހާރު ފަށާފައި ވައިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވިކްޓަރީގެ އާ ޗެއާޕާސަން އީވާ އަބްދުއްﷲ ވިދާޅުވެފައި ވަނީ، ވިކްޓްރީ ސްޕޯޓްސް ކުލަބަކީ މިވީހާތަނަށް ވެސް ގައުމުގައި ފަނޑުނުވާ ކުލަބެއް ކަމަށާއި އަނެއްކާ ވެސް ރާއްޖޭގެ އެންމެ ކާމިޔާބް ކުލަބަށް ހަދައި ކުރީގައި އޮތް ހިސާބަށް ޖައްސާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ކުލަބް ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ފަށާނެ ކަމަށް ވެސް އީވާ ވިދާޅުވެފައި ވެއެވެ.

އުމައިރާއި އަކްރަމް ވިކްޓަރީއަށް ސޮއިކޮށްފައި ވާއިރު، ވިކްޓަރީގެ މުހުތާރު ނަސީރު(ޓޫކިލޯ) ވަނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އީގަލްސް އަށް ސޮއި ކޮށްފަ އެވެ.

ސަން އަން މައުލޫމާތު ލިބިފައިވާ ގޮތުން ޓޫކިލޯ އީގަލްސްއަށް ސޮއި ކުރީ، ވިކްޓަރީން އޭނާއަށް ކީ އަގާ މެދު ހިތް ހަމަ ނުޖެހިގެން، އީގަލްސްގެ ހުށަހެޅުންތައް ރަނގަޅު ވީމައެވެ.