11 Dec 2019, 12:34
އާންމު ބޭނުންތަކުގެ ހިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންޒީމުކުރުމަށް އޮތޯރިޓީއެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
"ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލް"ގެ ނަމުގައި މި ބިލް މަޖިލީހަށް ހުށަހެއްޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލެއް ހުށަހަޅާފައި ވަނީ އާންމު ބޭނުންތަކުގެ ހިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންޒީމުކުރުމަށް އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ ކަންތައްތައް ރާވައި، ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ބަޔާންކުރުމާއެކު އާންމު ހިދުމަތް ފޯރުކޮށްދިނުމުގެ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުމަށެވެ.
އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކެވެ.
މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭ ހިދުމަތްތަކަކަށް ހެދުމުގެ އިތުރުން، އެ ހިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭ އަދި ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތަކަށް ހެދުމެވެ.
އަދި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭއިންސާފުން ކުރާ ކަންކަން ހުއްޓުވުމާއެކު، ވާދަވެރި ވެށްޓެއް ގާއިމުކޮށް ހިދުމަތްތައް ކުރިއަރުވަން މަގުފަހިކޮށްދީ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައެޅުމާއި ހިދުމަތްދޭ ފަރާތްތަކުން ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ.
މި ބިލު ގާނޫނަކަށްވެ އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދިގެންދާނެއެވެ.
އެ އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުމާއި ހިދުމަތް ދިނުމުގައި ހަމަހަމަ ވާދަވެރި ވެށްޓެއް ގާއިމުކޮށް، ހިދުމަތް ދިނުމުގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންކަން ހުއްޓުވުމާއި ހިދުމަތްދޭ ފަރާތްތަކަށް ލައިސެންސް ދޫކޮށް، ދޫކުރާ ލައިސެންސާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބެލުމާއި އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލް ކުރުމާއި ހިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކޮށް، ހުއްދަ ދިނުމެވެ.
އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާންޖެހޭ ފަސް މެމްބަރުންގެ ޑިރެކްޓަރުންގެ ބޯޑެއް އޮންނަން ޖެހޭނެކަމަށް ބިލުގައިވެއެވެ. ބޯޑަށް މެމްބަރުން އައްޔަންކޮށް ވަކިކުރާނީ ރައީސް އެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބޯޑު އައްޔަންކުރަން ވާނެ ކަމަށް ބިލުގައިވެއެވެ.
ބިލުގައި ބުނާގޮތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ވާނީ މާލީ ދާއިރާ، ގާނޫނީ ދާއިރާ، އިގްތިސޯދީ ދާއިރާ، އިންޖިނިއަރިންގ ދާއިރާ އަދި އިޖްތިމާއީ ދާއިރާއިން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.
ބިލުގައި ބުނެފައި ވަނީ އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ގާނޫނެއްގެ ދަށުން ނުވަތަ ގާނޫނުގެ ދަށުން ދޫކުރާ ސައްހަ ލައިސެންސެއް ނޫނީ ވަގުތީ ހުއްދައެއް ލިބިގެން މެނުވީ އާންމު ބޭނުންތަކުގެ އެއްވެސް ހިދުމަތެއް އެއްވެސް ފަރާތަކުން ދިނުމަކީ މަނާކަމެކެވެ.
ލައިސެންސް ނުވަތަ ވަގުތީ ހުއްދަ ދޫކުރާނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީންނެވެ. އަދި ލައިސަންސް ލިބިފައިވާ ފަރާތުން އެ ފަރާތުގެ ހިދުމަތުގެ އަގު އާންމުކޮށް ޝާއިއުކުރަން ޖެހޭނެއެވެ.
ލައިސެންސްގެ މުއްދަތު ހަމަވެއްޖެ ނަމަ ނުވަތަ ބާތިލްކޮށްފައިވާ ނަމަ ނުވަތަ ހިފަހައްޓާފައިވާ ނަމަ، އެ ލައިސެންސުން ހުއްދަ ދީފައިވާ ހިދުމަތްތައް ދިނުން ވަގުތުން ހުއްޓާލަން ޖެހޭނެއެވެ. ހިދުމަތް ދީފި ނަމަ، ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.