26 Nov 2011, 18:09
މަޖީދީމަގުގައި ހުރި ކުރީގެ އަރައްބިއްޔާ ސްކޫލްގެ ގޯތީތެރޭގައި ހުރި ޒަމާންވީ ބޮޑެތި އަނބުގަސްތަކުގެ އިތުރަށް މުޅި ގޯތީގައި ހުރި ހުރިހާ ގަހެއް ކަނޑާލައި ބިމާހަމަކޮށްފި އެވެ.
މާލޭގައި އަޅާ 350 ފްލެޓް މަޝްރޫއުގެ ދަށުން އަރަބިއްޔާގެ ގޯތީގައި އަޅާ ފްލެޓްތައް އެޅުމަށް މަޖީދީމަގުގެ އިންފާރުކައިރީގައި ހުރި ބިޔަ ޒަމާންވީ ގަސްތައް ކަނޑާލީ "އެ ނޫން ގޮތެއް ނެތިގެން" ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމު މިއަދު ވިދާޅުވި އެވެ.
ނަމަވެސް އިންފާރުކައިރީގައި ހުރި ގަސްތައް ކަނޑާނުލައި ފްލެޓްތައް ނޭޅެނެތޯ ދެންނެވުމުން އަސްލަމު ވިދާޅުވީ އެ އަނބުގަސްތަކަކީ ވަރަށް ޒަމާންވީ ގަސްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެ ސައިޓަކީ ވަރަށް "ޓައިޓް ކޮންސްޓްރަކްޝަން ސައިޓެއް" ކަމަށާއި އިމާރާތް ކުރުމަށް މަޖީދީމަގު ނޫން ދިމާލަކުން އެތަނާ ގާތްވެވެން ނެތް ކަމަށެވެ.
އަރަބިއްޔާގެ ގޯތީގައި ހުރި އަނބު ގަސްތަކުގެ އިތުރަށް އެ ގޯތީގެ ކަންކަން މަތީގައި ހުރި ހިރުދު ގަސްތަކާއި އެނޫން ގަސްތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
ކުރީގެ ސަރުކާރު އޮތް ދުވަސް ވަރު، ދަރުބާރުގޭގެ އިރުމަތީ ކޮޅުގައި އޮތް ބިމުގައި ހުރި ގަސްތައް ކަނޑާލައި ބޮޑު ހޮޓަލެއް ހެދުމާ ދެކޮޅަށް އޭރު އަޑުއުފުލި ބޭފުޅުންގެ ތެރޭގައި އަސްލަމު ވެސް ހިމެނެ އެވެ. ނަމަވެސް އޭނާ އަށް އެންވަޔަރުމަންޓް މިނިސްޓްރީ ހިންގަން ލިބިވަޑައިގަތުމުން ގަސްތައް ކަނޑައި ތިމާވެއްޓަށް ލިބޭ ގެއްލުމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާތަނެއް ނުފެނެ އެވެ.
ހައުސިން މިނިސްޓްރީގެ އެންވަޔަރަމަންޓް ސެކްޝަންގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމު މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތިމާވެށި ހިމާޔަތް ކުރުން ކަމަށާއި ނަމަވެސް ތަރައްގީއާ އެކު އަދި އެ އަށްވުރެ "ބާރުގަދަ ފަރާތްތަކުގެ" އެންގެވުމަށް ގަސްތައް ކަނޑަން ޖެހޭ ކަމަށެވެ. އަދި އެގޮތުން ގަސްތައް ކަނޑަނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި ރަށްރަށުގައި ހުރި ބިޔަ ގަސްތައް ކަނޑާކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށެވެ.
"އިސްކަންދަރު ސްކޫލްގައި އިން ވަރަށް ޒަމާންވީ ގަހެއް ދާދިފަހުން ކަނޑާލައިފި،" ނައީމު ވިދާޅުވި އެވެ.
މާލޭގެ މެދުތެރޭގައި ކުރީގެ ބޮޑު އިންޖީނުގެ ހުރި ޕާކްގެ ތިންބައިކުޅަ އެއްބައިގައި ބޮޑުބ ކެފޭއެއް ހެދުމަށް ސިޓީ ކައުންސިލުން ބަޔަކަށް ދިނުމުން ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ޗުއްޕު ވެސް ނުބުނެ އެވެ.
ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެލާނާގޭގައި ހުރި އަނބު ގަހުގެ ބުޑުގައި ވަށްބުރަކުން ފާރުރާނައި އެ ގަގަސް ވެސް މަރުވެދާނެ ކަމުގެ ބިރު ބައެއް ފަރާތްކުން އަންނަނީ ފާޅުކުރަމުންނެވެ.