20 Jun 2010, 10:08
14:30
ތ. ތިމަރަފުށީގައި އުމުރުން 29 އަހަރުގެ ފިރިހެނަކު މޫދުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރުގެ ވަގުތެއްގައި، ތިމަރަފުށީ އުތުރު ފަރާތުގެ މޫދުގައި އެ ރަށު ރާސްތާގޭ އިސްތިޔާޒު މުހައްމަދު މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ރަށް ބަލާލަން ގޮސް އުޅުނު ތ. ދިޔަމިގިލީ ބަޔަކަށް ކަމަށެވެ.
އިސްތިޔާޒްގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އޭނާ އަކީ ފިޓް ޖެހޭ މީހެއް ކަމަށާއި މިއަދު މެންދުރާ ހަމައަށް ވެސް އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިނުވަނީ ވެސް އޭނާ އަކީ އާދަވަގެން ކޮންމެ ދުވަހަކު ވެސް ހެނދުނުކޮޅު މޫދަށް ގޮސް އުޅޭ މީހަކަށް ވާތީ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މޫދުގައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއްގެ ނިޝާން ފެންނަން ނެތް ކަމަށެވެ. އަދި އޭނާ މަރުވީ ގެނބިގެން ނޫން ކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައިވާތީވެ އޭނާ މަރުވާން ދިމާވި ސަބަބު އަދި މިހާތަނަށް އެނގިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.