ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޑިމޮކްރަޓިކް ނިޒާމެއް ހިންގުމަށް ސަރުކާރުން ފަސްޖެހިފައިވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.

ހިޖުރީ އާ އަހުރުގެ ތަހުނިޔާ ދިވެހިންނަށް އަރިސްކުރަމުން ޑީއާރުޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގެ ސަގާފަތު ނިކަމެތިކޮށް މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތަކުގެ ސަބަބުން ޑިމޮކްރެޓިކް ވެއްޓެއްގައި ވެރިކަންކުރާ ފަރާތާއި ރައްޔިތުންނާ ދެމެދު އޮންނަން ޖެހޭ ބަދަހި ގުޅުން ހާވިޔާވެގެން ގޮސްފައިވާ ކަމަށެވެ.

ޑީއާރުޕީން ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ލާދީނީ ފިކުރުތައް އާންމުކުރުމަށް ސަރުކާރުން ތަކުރާރުކޮށް ހިންގާ ހަރަކާތްތަކުގެ ސަބަބުން އިޖްތިމާއީ އަދާލަތާއި ހަމަހަމަކަމާއި އަމަންއަމާންކަން ގެއްލި ރާއްޖޭގެ ކަންކޮޅުތަކުގައި މާރާމާރީ އާއި ވައްކަމާއި ފޭރުމާއި ބަދުއަޚްލާޤީ އަމަލުތައް ގިނަވެ ރައްޔިތުން ކަންބޮޑުވެ މާޔުސްވާންޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވެރިންނަށް އިޤްތިޞާދީ އުސޫލުތައް ނޭނގިތިބެ އިޤްތިޞާދީ އަސާސްތަކާ ކުޅުމުގެ ސަބަބުން މުދަލާއި ޚިދްމަތުގެ އަގުބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އިޙްސާސްކުރަން ވެސް ދަތި މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން ސަރުކާރުގެ ބޭކާރު ޚަރަދުތައް އިތުރުކޮށް އެޚަރަދުތައް ފޫބެއްދުމަށް ޓަކައި ސަރުކާރުން ރައްޔިތުންގެ ލޭ ބޮމުން އަންނަ ކަމަށާއި ކޮރަޕްޝަންގެ ޢަމަލުތައް ވެސް އިންތިހާ ދަރަޖައަށް މައްޗަށް ގޮސްފައިވާ ކަމަށް ޑީއާރުޕީން ބަޔާންކޮށްފައިވެ އެވެ.

ޑީއާރުޕީން އިތުރަށް ބުނެފައި ވަނީ ހިޖުރީ އާ އަހަރަކަށް މަރުހަބާ ކިޔާއިރު މިސަރުކާރުން ރައްޔިތުންނާ ކުރިމަތިކުރުވާ ގޮންޖެހުންތަކާ ސާބިތުކަމާ އެކު ކުރިމަތިލުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި 2013 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި މިސަރުކާރު ބަދަލުކޮށް ދީނާއި ޤައުމިއްޔަތަށް އިޚްލާސްތެރިކަމާ އެކު މަސައްކަތްކުރާނެ ސަރުކާރެއް ޤާއުމުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ޑީއާރުޕީގެ އަމާޒަކީ ދިވެހިންގެ މެދުގައި ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ފާގަތިކަމާއި އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ސަރުކާރެއް ޤާއުމުކުރުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.