އިންޑިޔާ ޤައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރު ޝުބުރަތާ ޕައުލް އަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވޭނެ ކަމަށް އެޤައުމުގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ބުނެފި އެވެ.

އިންޑިޔާ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ނަކީ ވެސް އެ ޤައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނަށް ވާއިރު، މިފަހަރުގެ މުބާރާތުގައި އެއްވަނަ ގޯލްކީޕަރު ޝުބުރަތާއަށް ނުކުޅެވެނީ އޭނާއަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅު ނުވާތީއެވެ. އަދި މިފަހަރުގެ މުބާރާތުގައި މަޝްހޫރު ބައިޗުން ބުޓިޔާ ވެސް ނުފެންނާނެ ކަމަށް އިންޑިއާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ވަނީ ބުނެފައެވެ. މިފަހަރުގެ މުބާރާތުން ބުޓިޔާ ނުފެންނާނީ އޭނާ ޤައުމީ ޓީމުން ރިޓަޔާކޮށްފައިވާތީ އެވެ.

އަންނަ މަހުގެ ދޭކުން 11 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، މުބާރާތުގައި އިންޑިޔާ ވާދަކުރަނީ ގްރޫޕް އޭ ފަޅިންނެވެ. އަދި މިގްރޫޕްގައި ދެން ހިމެނޭ ޤައުމު ތަކަކީ އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާނެވެ.

އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ.

މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ އިންޑިޔާ ޓީމުގެ ކޯޗަކީ ސަލްވިއޯ މެދިރާއެވެ.

އިންޑިޔާގެ ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާ:
1997 ވަނަ އަހަރު: ޗެމްޕިއަން
1999 ވަނަ އަހަރު: ޗެމްޕިއަން
2003 ވަނަ އަހަރު: ސެމީ ފައިނަލް
2005 ވަނަ އަހަރު: ޗެމްޕިއަން
2008 ވަނަ އަހަރު: ރަނަރަޕް
2009 ވަނަ އަހަރު: ޗެމްޕިއަން