26 Nov 2011, 16:59
ނިއުދިއްލީ (ނޮވެމްބަރ 26) : އިންޑިޔާގެ މާއޮއިސްޓް ބާޣީންގެ ޢަސްކަރީ ކޮމާންޑަރު ކޮތެޝްވާރު ރާއޮ މަރާލެވިއްޖެކަން އިންޑިޔާ ސަރުކާރުން ހާމަކޮށްފިއެވެ. އިންޑިޔާގެ ދާޚިލީ ވުޒާރާ ބުނިގޮތުގައި ކޮތެޝްވާރު މަރާލެވުނީ އިންޑިޔާގެ އިރުމަތީގައިވާ ޖަންގައްޔެއްގައި އޭނާ ހުރިކަން އެނގިގެން އޭނާ އަތުލުމަށް ސަލާމަތީ ބާރުތަކުން އުޅުމުން ދެފަރާތުގެ ދެމެދުގައި ބަދަލުކުރި ޙަމަލާތަކެއްގައެވެ.
ދާޚިލީ ވަޒީރު އާރު.ކޭ.ސިންގ ވިދާޅުވިގޮތުގައި މާއޮއިސްޓު ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި މަރާލެވުނު މާއޮއިސްޓް ކޮމާންޑަރަކީ ކޮތެޝްވާރު ރާއޮ ކަންވަނީ 99% ށް ކަށަވަރު ކުރެވިފައެވެ. ކޮތެޝްވާރު މަރާލެވުނު ކަމަށްވާނަމަ މިއީ މާއޮއިސްޓުންނަށް ކުރިމަތިވި ވަރަށްބޮޑު ނާކާމިޔާބީއެއް ކަމަށް އިންޑިޔާގެ ނޫސްތައް ބުނެއެވެ. އިންޑިޔާގެ ބޮޑުވަޒީރު މާންމޯހަން ސިންގ ދާދިފަހުން ސިފަކުރައްވާފައިވާ ގޮތުގައި އިންޑިޔާގެ ޤައުމީ ސަލާމަތަށްހުރި އެންމެ ބޮޑުނުރައްކަލަކީ މާއޮއިސްޓް ބާޣީންނެވެ.
މާއޮއިސްޓު ހަނގުރާމަވެރިންގެ ޢަދަދު ނިސްބަތުން މަދުނަމަވެސް ބިމުގެ މަޢްދަނުގެ ގޮތުން އިންޑިޔާގައި އެންމެމުއްސަނދި އެއް ސަރަޙައްދުވަނީ އެމީހުންގެ ބާރުގެ ދަށުގައެވެ. މިއީ އިންޑިޔާގެ 22 ސްޓޭޓަށް ދެމިގެންގޮސްފައިވާ ބޮޑު ސަރަޙައްދެކެވެ. މާއޮއިސްޓުންގެ ޙަމަލާތަކުގައި އިންޑިޔާ ފުލުހުންގެ އެތަށް ސަތޭކަބަޔަކު މަރުވެފައިވެއެވެ. އިންޑިޔާ ސަރުކާރުން މާއޮއިސްޓުންނަކީ ބާޣީންކަމަށް ސިފަކުރިނަމަވެސް މާއޮއިސްޓުން ބުނާގޮތުން އެމީހުންނަކީ އިންޑިޔާގައި ނިކަމެތިކޮށް އިހްމާލްކޮށްލެވިފައިވާ ފަގީރުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ބައެކެވެ.
އިންޑިޔާގެ ފަގީރުންގެ ނާޖާއިޒުފައިދާ ނަގައި ފަގީރުންގެ ޙައްޤުތަކަށް އިންޑިޔާ މުއްސަނދިންނާއި ސަރުކާރުން އަރައިގަންނަމުންދާ ކަމަށް މާއޮއިސްޓުން ތުހުމަތު ކުރެއެވެ. އިންޑިޔާގެ އިޤްތިސާދީ ތަނަވަސްކަމުން އެއްވެސް މިންވަރެއްގެ ފައިދާއެއް ނުލިބޭ އެޤައުމުގެ އެތަށް ސަތޭކަ މިލިޔަން ފަގީރުން ސަރުކާރާއި މުއްސަނދިންދެކެ އަންނަ ރުޅިއާއި ނަފްރަތުގެ ފައިދާ ވަރަށް އެދެވޭ ގޮތެއްގައި މާއޮއިސްޓުން ނަގަމުން ގެންދެއެވެ. މިގޮތުން އިންޑިޔާގެ އެންމެ ފަގީރު ރަށްފުށުގެ ސަރަޙައްދުތަކުގައި މާއޮއިސްޓުންނަށް ތާއީދުއޮންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)