26 Nov 2011, 16:08
* ޤައުމުގެ ފުޓްބޯޅަ
ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ޤައުމު ކުޅިވަރު ކުރިއެރުވުމަށް އެތައް އުނދަގޫތަކެއް ކުރިމަތިވެފައިވާ އަފްޤާނިސްތާނަކީ ފުޓްބޯޅައިގެ ވަރަށް ޒަމާންވީ ތާރީޙެއް އޮތް ޤައުމެކެވެ. މިގޮތުން މިޤައުމުގެ ފުޓްބޯޅަ ޤައުމީ ޓީމް ފުރަތަމަ އެކުލަވާލެވުނީ 1922 ވަނަ އަހަރުގައެވެ. އަދި 1948 ވަނަ އަހަރު ފީފާގެ މެމްބަރަކަށްވެ 1954 ވަނަ އަހަރު އޭ.އެފް.ސީގެ މެމްބަރަކަށް ވެފައި ވެއެވެ. މިސަރަޙައްދުގެ ފުޓްބޯޅަ ޖަމިއްޔާ އާއި ގުޅިފައިވަނީ 2005 ވަނަ އަހަރުއެވެ.
ފުޓްބޯޅަ ތަރައްޤީކުރުމާއި ކުރިއެރުވުމަށް ދިމާވެފައިވާ ހުރަސްތަކުގެ ސަބަބުން 1984 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާއި ހަމައަށް ވޭތުވި 19 އަހަރުގެ ތެރޭގައި އެޤައުމުގެ ޤައުމީ ޓީމުން ބައިނަލް އަޤްވާމީ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އަދި މިމުއްދަތުގެ ތެރެއިން 1996 ވަނަ އަހަރުން 2001 ވަނަ އަހަރަށް ތާލިބާނުންގެ ވެރިކަމުގައި ހޭދަވި 5 އަހަރުގެ ތެރޭގައި މިޤައުމުގެ އެތެރޭގައި އެއްވެސް ފުޓްބޯޅަ މުބާރާތެއް ކުޅުމަކީ މަނާކަމެކެވެ. މިހާރުވެސް އެޤައުމަށް މާލީގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ޔަޤީންކަން ނުލިބޭތީ ޤައުމުގެ އެތެރޭގައި ބައިނަލްއަޤްވާމީ ފުޓްބޯޅަ މެޗްތަކެއް ނުކުޅެވެއެވެ.
ދާދިފަހުން 2010 ވަނަ އަހަރު އަފްޤާނިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންއިން ޑެންމާރކްގެ ކުޅިވަރު އާލާތް ތައްޔާރުކުރާ "ހުމެލް" އާއި އެކު ސޮއިކުރެވުނު 5 އަހަރު ދުވަހުގެ ސްޕޮންސަރޝިޕް ކޮންޓްރެކްޓްގެ ސަބަބުން އެޤައުމުގެ އަންހެން ފުޓްބޯޅަ ޓީމާއި ފިރިހެން ފުޓްބޯޅަ ޓީމް ތަރައްޤީކުރުމަށް ވަރަށް ބޮޑު މާލީ އެހީތެރިކަމެއް ލިބޭނޭ ކަމަށް ބެލެވެއެވެ. ފީފާގެ ދަރަޖަކުރުމުގައި އަފްޤާނިސްތާން މިވަގުތު އޮތީ 184 ވަނަ ދަރަޖައިގައެވެ.
އަފްޤާން ޓީމް ފުރަތަމަ ބައިނަލްއަޤުވާމީ ފުޓްބޯޅަ މެޗެއް ކުޅެފައިވަނީ 1941 ވަނައަހަރު އީރާން އާއި އެކުގައެވެ. މިމެޗުން ދެޓީމް އެއްވަރުވެފައިވަނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހިއެވެ.
އަފްޤާނުން ފުޓްބޯޅައިގެ ދުނިޔެއިން ބޭރުގައި އުޅުނުމުއްދަތު ފެށުމުގެ ކުރިން އެންމެ ފަހުން ބައިނަލް އަޤްވާމީ މުބާރާތަކުން ފެނިފައިވަނީ 1984 ވަނަ އަހަރު އޮތް އޭޝިޔާގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗްތަކުގައެވެ. އޭގެ އެތައް އަހަރެއްފަހުން ފުޓްބޯޅައިގެ ދުނިޔެއަށް އެނބުރި އައުމުން އަފްޤާނުންގެ ހުނަރުވެރިކަން ވަނީ އެތައްތަނެއް ދަށަށް ގޮސްފައިކަން އެޓީމް ފުރަތަމަ ކުޅުނު ބައިނަލްއަޤްވާމީ މެޗުންވެސް ފެނުނެވެ.
މިގޮތުން ފުރަތަމަ ބައިނަލް އަޤްވާމީ މެޗްކުޅުނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިން އަށް ތުރްކަމެނިސްތާން އާއި އެކުގައެވެ. މިމެޗުތަކުން އަފްޤާނުން ބަލިވީ 13 ލަނޑު 0 ލަނޑުން ނެވެ.
* ޤައުމީ ޓީމްގެ ކާމިޔާބީތައް
ބައިނަލްއަޤްވާމީ ފުޓްބޯޅައިގާ އަފްޤާނިސްތާނަށް ލިބުނު އެންމެ މަތީ ޝަރަފަކީ 1951 ވަނަ އަހަރުގެ އޭޝިޔަންގޭމްސްގެ 4 ވަނަ އަށް އެޓީމް ދިޔަކަމެވެ.
* ސާފް ޗެމްޕިޔަންޝިޕް 2011
ސާފް ޗެމްޕިޔަންޝިޕްގައި އަފްޤާނިސްތާނުން ވާދަކުރުމުގެ ފުރުސަތު ފުރަތަމަ ލިބުނީ މެޙްމާނެއްގެ ޙައިސިއްޔަތުން 2003 ވަނަ އަހަރުއެވެ. 2005 ވަނަ އަހަރުގެ ސާފް ޗެމްޕިޔަންޝިޕްގައި މެޗަކުން މޮޅުނުވެ ދިޔަނަމަވެސް ގްރޫޕް މަރުޙަލާގެ ފަހުމެޗްގައި ސްރީލަންކާއާއި ކުޅެ އެޓީމް ބަލިކުރިއެވެ. 2008 ވަނަ އަހަރުގެ މުބާރާތުގައި 2 މެޗުން އެއްވަރުވެފައިވާއިރު 2009 ވަނައަހަރުގެ މުބާރާތް ނިމިދިޔައީ އަފްޤާނުންނަށް ކާމިޔާބެއް ނުލިބިއެވެ. މިއަހަރުގެ މުބާރާތަށް ބަލާއިރު އަފްޤާނިސްތާން ހިމެނެނީ އިންޑިޔާ، ބޫޓާން އަދި ސްރީލަންކާ އާއި އެއް ގުރޫޕެއްގައެވެ.
* ޓީމްގެ ކޯޗް
މުޙައްމަދު ޔޫސުފް ކަރގަރ އަކީ އަފްޤާނިސްތާންގައި އުފެދުނު އެންމެ ފާހަގަ ކުރެވޭ ކުޅިވަރު ކުޅުންތެރިޔާއެވެ. އޭނާ އެންމެ ފުރަތަމަ ކުޅިވަރެއްގެ ގޮތުން ސްކީ ކުރީއެވެ. އަދި އޭނާގެ އުމުރުން އެންމެ 16 އަހަރުގައި ޤައުމީ ސްކީ ޗެމްޕިޔަންކަން ހޯދިއެވެ. ރޫސީން އަފްޤާން އިސްތިޢުމާރު ކުރުމުގެ ފަހުން އޭނާ ސްކީ ކުރުން ހުއްޓާލިއެވެ. އަދި އަފްޤާން ގެ އެކިކުލަބު ތަކަށް ފުޓްބޯޅަ ކޯޗްކޮށްދޭން ފެށިއެވެ. އޭނާއަކީ 1984 ވަނަ އަހަރުގެ ކުރިން އަފްޤާން ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ މީހެކެވެ. އަދި 2001 ގައި ތާލިބާނުންގެ ވެރިކަން ބީވުމުން ޤައުމީ ފުޓްބޯޅަ ޓީމް އެކުލަވާލާ އެޓީމަށް ކޯޗްކޮށްދޭން ފެށިއެވެ.
* ޓީމްގެ މަޝްޙޫރު ކުޅުންތެރިން
މި ސަރަޙައްދުގެ ގިނަ ޤައުމުތައް ފަދައިން އަފްޤާންނިސްތާން ޓީމުގެ ވެސް ބައެއް މުހިންމު ކުޅުންތެރިންނަކީ ހުޅަނގުގެ ޤައުމުތަކަށް ޚިޖުރަކޮށްގެން އުޅޭ ކުޅުންތެރިންނެވެ. މިގޮތުން މިޓީމްގެ ފާހަގަ ކޮށްލެވޭ ގޯލްކީޕަރ މަންސޫރް ފަޤިޔާރ އަކީ ޖަރުމަނުވިލާތުގެ 4 ވަނަ ޑިވިޒަންގެ ވީއެފްބީ އޯލްޑެންބާރގް އަށް ކުޅޭ ކުޅުންތެރިއެކެވެ. ޓީމްގެ ކެޕްޓަން އުމުރުން 26 އަހަރުގެ އިސްރަފީލް ކޮހިސްތާނީ އަކީ މެދުތެރެއިން ކަނާތު ވިންގާއި ވާތު ވިންގް ހަމަލާ ދޭނޭ ތޫނުފިލި ކުޅުންތެރިއެކެވެ. ހަމަލާ ދޭ މިޑްފީލްޑަށް ކުޅޭ ވަހީދް ނަދީމް އަކީ އުމުރުން 22 އަހަރުގެ އުންމީދީ ކުޅުންތެރިއެކެވެ. މީނާ ކުޅުނު ފުރަތަމަ ބައިނަލްއަޤްވާމީ ފުޓްބޯޅަމެޗަށް ނުކުތީ 2009 ވަނަ އަހަރު ސާފް ޗެމްޕިޔަންޝިޕް ޤްރޫޕް މަރުޚަލާގައި ދިވެހިރާއްޖެ އާއި ބައްދަލުކުރިއިރުއެވެ. އިންޑިޔާގެ ލީގްކުލަބު މުމްބާއީ އެފް.ސީ އަށް ކުޅޭ އުމުރުން 24 އަހަރުގެ ޑިފެންޑަރ ޒޮހިބް އިސްލާމް އާމިރީ އަކީ މިޓީމްގެ ދިފާޢުގެ މައިތަނބެވެ.
* ކުޅުމުގެ ސްޓައިލް އާއި ލަފާކުރާ ނަތީޖާ
އަފްޤާނިސްތާން ހިމެނޭ ގްރޫޕްގައި މިސަރަޙައްދުގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމް އިންޑިޔާ ހިމެނިފައި ވީނަމަވެސް، އަފްޤާނިސްތާނަށް ލިބޭނޭ ހިތްހަމަޖެހުމަކީ، މިޤްރޫޕުގައި ހިމެނޭ ސްރީލަންކާ އާއި ބޫޓާން އަކީ މިއަހަރުގެ ތެރޭގައި އޮތް ޗެލެންޖް ކަޕް ކޮލިފިކޭޝަން މުބާރާތުގައި އަފްޤާން އަތުން ބަލިވެފައިވާ 2 ޓީމްކަމެވެ. މިއަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހު ބޫޓާން ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. އަދި ސްރީލަންކާ 2005 ވަނަ އަހަރު އަފްޤާނުން އަތުން ބަލިވިފަހުން މިއަހަރުގެ އެޕްރިލް 9 ވަނަ ދުވަހު ވެސް ވަނީ 1 ލަނޑު 0 ލަނޑުން އަފްޤާނުން އަތުން ބަލިވެފައެވެ. އަފްޤާނިސްތާންޓީމްގައި ޤައުމުންބޭރުގައި ދިރިއުޅޭ ގިނަކުޅުންތެރިންތަކެއް ހިމެނުމުން މިކުޅުންތެރިން ޓީމެއްގެ ގޮތުގައި ގުޅުވާ އެކުލަވާލުމަކީ، އަފްޤާން ކޯޗަށް ފަސޭހަކަމަކަށް ނުވާނެއެވެ.
އަފްޤާންގެ ގިނަ ކުޅުންތެރިން ޤައުމުންބޭރުގައި ކުޅެމުންދަނީ އެހާފެންވަރު ރަނގަޅު ކުލަބުތަކަކަށް ނުވާތީ ޤައުމީ ޓީމްގެ ކުޅުމުގެ އަޙްލާޤް ވަކި ވައްޓަފާޅިއަކަށް ފެއްތުމަކީވެސް ދަތިކަމަކަށް ވާނެ ކަމަކެވެ. މިސަބަބުތަކާއި އެކުވެސް، އަފްޤާނިސްތާންގައި މިހާރު އެކަށީގެންވާ ގޮތަކަށް އެޤައުމުގެ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ބައްޓަންކޮށްފައިވާތީ، މިޕްރޮގްރާމްގެ ތެރެއިން ޤައުމީޓީމުގައި ހިމެނޭ ކުޅުންތެރިންގެ ފުރިހަމަ އެހީތެރިކަން ލިބޭނޭ ކަމަށް ބެލެވެއެވެ. އަފްޤާނިސްތާންގެ ފުޓްބޯޅަޓީމް ޢާއްމުގޮތެއްގައި ކުޅެނީ ފަހަތުގައި 4 ދިފާޢީ ކުޅުންތެރިން ތިބޭއިރު މެދުތެރޭގައި ދިފާޢީ މިޑްފީލްޑެއް ބަހައްޓައިގެނެވެ. އަދި މެދުތެރޭގައި ހަމަލާ އުފެއްދުމާއި ޓީމް ކުޅުވުމުގައި މުހިންމު ދައުރެއް އަދާ ކުރުމަށް އިތުރު 2 މިޑްފީލްޑަރުން ތިބެގެން ހަމަލާ ދޭ މިޑްފީލްޑް ކުޅުންތެރިއެއް އެންމެ ކުރިއަށް ކުޅޭ ފޯވަރޑް އާއި މެދުތެރޭ ކުޅުންތެރިންނާއި ދެމެދު ކުޅުވާގޮތަށެވެ. ފޯވަރޑްގައި ކުޅޭ ކުޅުންތެރިންގެ ގޮތުގައި 2 ކުޅުންތެރިން ތިބޭއިރު މީގެ ތެރެއިން 1 ފޯވަރޑް ބޯޅަ އޮންނަފަރާތުގެ އަރިމަތިން ވިންގެއްގެ ގޮތުގައި މަސައްކަތް ކުރާގޮތަށެވެ.
އަފްޤާނުގެ މިރޭވުމާއި އެކު މިޓީމްގެ ކުޅުމުގެ ވައްޓަފާޅި ބިނާވެފައިވަނީ މެދުތެރެއިން ކުދި ޕާސްތަކެއް ކުރުމާއި އަރިމަތިތަކުން ދިފާޢީ ބެކުން ހަމަލާދޭ ގޮތަކަށެވެ. އަދި ޓީމްގެ ބުންވަރު އެހާ ރަނގަޅުނޫންކަމަށް ފެނުނުނަމަވެސް ކުޅުންތެރިންގެ އެވްރެޖް އުމުރަކީ 24 އަހަރު ކަމަށްވާތީ ހިތްވަރު ކުރަންޖެހޭ ވަގުތުތަކުގައި ހިތްވަރު ކުރާކަމަށް ބެލެވެއެވެ. މިގްރޫޕުން އިންޑިޔާގެ ފަހަތުން 2 ވަނަ ޓީމެއްގެ ގޮތުގައި ކޮލިފައިވާނީ އަފްޤާނުން ކަމަށް ބެލެވެއެވެ.