26 Nov 2011, 16:04
* ޤައުމުގެ ފުޓްބޯޅަ
އިރުމަތީ ޕާކިސްތާންގެ ގޮތުގައި އޮތުމަށްފަހު 1971 ވަނަ އަހަރު މިނިވަން ދައުލަތަކަށްވީ ބަންގްލާދޭޝްގައި ފުޓްބޯޅައަކީ އޭރު އެންމެ ފޯރިގަދަ އަދި ޢާއްމުންގެ ތަރުޙީބުލިބޭ ކުޅިވަރެވެ.
މިހާރު ކްރިކެޓަކީ އެންމެ ތަރުޙީބުބޮޑު ކުޅިވަރުގެ ގޮތުގައި އޮތްނަމަވެސް، 1971 ވަނަ އަހަރުގެ ކުރިން ޕާކިސްތާންގެ ފުޓްބޯޅަޓީމް ބައިނަލްއަޤުވާމީ ފެންވަރުގައި ހޯދަމުން ދިޔަ ކާމިޔާބީ ތަކުގައި އޭރުގެ އިރުމަތީ ޕާކިސްތާންގެ ކުޅުންތެރިންގެ ޚިއްސާ ވަރަށްބޮޑެވެ.
މިނިވަން ދައުލަތަކަށް ވުމަށްފަހު ބަންގްލަދޭޝްގެ ފުރަތަމަ ބައިނަލްއަޤްވާމީ ފުޓްބޯޅަ މެޗްކުޅެފައިވަނީ 1973 ވަނަ އަހަރު ތައިލެންޑް އާއި އިދިކޮޅަށެވެ. މިމެޗްގެ ފުރިހަމަ ވަގުތު ނިމުނީ 2 ލަނޑު 2 ލަނޑުން ދެ ޓީމް އެއްވަރުވެގެން ނަމަވެސް ތައިލެންޑް މިމެޗުން މޮޅުވީ ޕެނަލްޓީ ޖަހައިގެނެވެ. 1980 ވަނަ އަހަރުގެ އޭޝިޔަން ކަޕްގެ ކޮލިފައި މެޗްތަކުގައި ޤަތަރު އަތުން ބަލިވިނަމަވެސް 4 ލަނޑު 1 ލަނޑުން އަފްޤާނިސްތާން ބަލިކުރުމަށް ފަހު ފުރަތަމަ ފަހަރަށް އޭޝިޔަން ކަޕަށް ބަންގްލަދޭޝް ކޮލިފައިވިއެވެ. 1980 ވަނަ އަހަރު ކުވޭތުގައި ބޭއްވުނު އޭޝިޔަން ކަޕްގައި އީރާން، އުތުރު ކޮރެޔާ، ސީރިޔާ އަދި ޗައިނާ އާއި އެކު ގްރޫޕް މަރުޙަލާގައި ކުޅެ މެޗަކުން މޮޅުނުވެވި ދިޔައިރު، މިމުބާރާތަކީ ބަންގާޅުން ބައިނަލްއަޤްވާމީ މުހިންމު މުބާރާތަކަށް ކޮލިފައިވި ހަމައެކަނި ފަހަރެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަކީ ޤާޒީ ސަލާޙުއްދީން އެވެ. މީނާ އަކީ އެޤައުމުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އަދި މީނާ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެފައިވަނީ ހޮންގްކޮންގް ގައެވެ.
* ކްލަބް ފުޓްބޯޅަ
ބަންގްލަދޭޝްގެ ކުލަބު ފެންވަރުގެ ފުޓްބޯޅައަކީ 1980 ގެ އަހަރުތަކާއި އަދި ޤައުމު މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުވުމުގެ ކުރިންވެސް ވަރަށް ފޯރިއާއި އެކު ކުރިއަށްދިޔަ ކަމެކެވެ. މިގޮތުން 1980 އާއި 1990ގެ އަހަރުތަކުގައި ޑާކާ ލީގަކީ މިޤައުމުގެ ކުލަބު ފުޓްބޯޅައިގެ އެންމެ ފޯރިގަދަ ލީގެވެ. އިންޑިޔާ ހިމެނޭ ބައްރުގެ ބަންގާޅު ސަރަޙައްދަކީ ފުޓްބޯޅައިގެ ފޯރި ގަދަ ހިސާބުގަނޑަށްވާތީ އިންޑިޔާގައި ބަންގާޅުން އުޅޭ ސަރަޙައްދު ކަމަށްވާ ކަލްކަތާގައި ހުރި ފުޓްބޯޅަ ފޯރި ބަންގްލަދޭޝްގެ ޑާކާގައިވެސް ދިޔައީ ހިނގަމުންނެވެ. 12 ކުލަބުގެ މައްޗަށް ބިނާކޮށް ހިންގާ ބަންގްލާ ލީގްގެ މަޝްޙޫރު ކުލަބުތަކަކީ ޑާކާ އަބާނީ، މޮހަމަޑިޔަން އަދި އެންމެ ފަހުގެ ޗެމްޕިޔަން ސޭޙް ޖަމާލް އެވެ.
* ޤައުމީ ޓީމްގެ ކާމިޔާބީތައް
ބަންގްލާދޭޝްގެ ޤައުމީ ޓީމަކީ މިސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އޭޝިޔަން ކަޕަށް ކޮލިފައިވި މަދުޤައުމުތަކުގެ ތެރޭގައި ހިމެނޭ ޓީމަކަށް ވީނަމަވެސް، މިމުބާރާތުގެ ގްރޫޕް މަރުޙަލާގައި ކުޅުން ފިޔަވާ މާބޮޑު ކާމިޔާބެއް ބައިނަލްއަޤްވާމީ މަތީ ފެންވަރުގައި ލިބިފައެއް ނެތެވެ.
އޭ.އެފް.ސީ ޗެލެންޖް ކަޕަށް ބަލާއިރު މިމުބާރާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2006 ވަނަ އަހަރުގެ އޭ.އެފް.ސީ ޗެލެންޖްކަޕްގެ ކުއަރޓަރފައިނަލަށް ދެވުމެވެ. މިކާމިޔާބު ލިބުނު އިރު ބަންގްލަދޭޝްގެ ކޯޗަކީ ދިވެހިރާއްޖޭގެ ޤައުމީ ކޯޗަކަށް އެންމެ ފަހުން ހުރި އާރޖެންޓީނާގެ ކުރުސިއާނީއެވެ.
ސާފް ޗެމްޕިޔަންޝިޕްގެ ތަށި މިޤައުމަށް ލިބިފައިވަނީ 2003 ވަނަ އަހަރު އަމިއްލަ ޤައުމުގައި ދިވެހިރާއްޖެ އާއި އެކު ފައިނަލްގަކުޅެ ޕެނަލްޓީ ޖަހައިގެނެވެ. މީގެ އިތުރަށް ސާފް ޗެމްޕިޔަންޝީޕްގައި މާބޮޑު ކާމިޔާބެއް ބަންގްލަދޭޝް ޓީމަށް ލިބިފައެއް ނެތެވެ.
ސާފްގޭމްސްގައި ސީނިޔަރ ޤައުމީ ޓީމް ބައިވެރި ކުރި ދުވަސްވަރު ބަންގްލަދޭޝް އަށް ރަން މެޑެލް ލިބިފައި ނެތް ނަމަވެސް 1984، 1985 އަދި 1995 ވަނަ އަހަރުގައި ސާފްގޭމްސްގެ ފައިނަލްގަ ކުޅެ ރިހިމެޑެލް ހޯދާފައިވެއެވެ.
* ސާފް ޗެމްޕިޔަންޝިޕް 2011
ބަންގާޅުގެ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިޔަންޝިޕް 2011 އަށް ތައްޔާރު ވުމުގައި ގިނަ ގޮންޖެހުން ތަކަކާއި އުނދަގޫ މަރުޙަލާތަކާ ކުރިމަތިލާންޖެހިފައިވެއެވެ. މިގޮތުން އެޓީމް ތައްޔާރު ވުމަށް އެކަށީގެންވާ މެޗްތަކެއް ކުޅެން ލިބިފައިނެތުމާއި، ރަމަޞާން މަހަށް ނިންމާލާ އެޤައުމުގެ ފުޓްބޯޅަ ލީގްގެ ފަހުން ކުޅުންތެރިން އަރާމުކުރުމުގައި ހޭދަކުރި ދުވަސްތައް ގިނަވުމުގެ ސަބަބުން މުބާރާތަށް ކުޅުންތެރިންގެ ފިޓްނަސް އަނބުރާ ގެނައުމުގެ މުހިންމުކަންވެސް ކުރިމަތި ވުން ހިމެނެއެވެ. މީގެ އިތުރަށް މިޓީމްގެ އެންމެ ފަހުގެ ރޭވުންތަކުގެ ތެރެއިން އިންޑީޔާއަށް ފުރާދަތުރުގައި ރަޙްމަތްތެރި ކަމުގެ މެޗްތަކެއް ރާވާފައިވަނިކޮށް، ޓީމްގެ މެސެޑޯނިޔާ ކޯޗަށާއި އެހެން ބައެއް އޮފިސަލުންނަށް ވިސާ ހަމަނުޖެހި ލަސްވުމުގެ މައްސަލަވެސް ކުރިމަތި ވިއެވެ. މިކަމުގެ ސަބަބުން ބަންގްލަދޭޝްގެ ފުޓްބޯޅަ ޓީމުން ނޮވެމްބަރު 23 ގައި އިންޑިޔާގެ ކަލްކަތާއަށް ގޮސް އެސަޙަރުގައި ރަޙްމަތްތެރިކަމުގެ 2 މެޗް 26 ނޮވެމްބަރ އަދި 28 ނޮވެމްބަރު ދުވަހު ކުޅުމަށް ރާވާފައިވާ ރޭވުން ވަނީ ފެނަށްގޮސްފައެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބަންގާޅުންނަށް މިހާރު ކުރެވުނު ކަމަކީ އެޤައުމުގައި ފަރިތަކޮށް އެޤައުމުގެ ބައެއް ކުލަބުތަކާއި އެކު ރަޙްމަތްތެރި ކަމުގެ މެޗްތަކެއް ކުޅުމެވެ.
* ޓީމްގެ ކޯޗް
ބަންގްލަދޭޝްގެ ޤައުމީ ޓީމަށް ކޯޗްކޮށްދިނުމަށް ދުނިޔޭގެ ފެންވަރުގެ މޮޅުކޯޗުން ލިބިފައި ވީނަމަވެސް، މިފަދަ ގިނަކޯޗުންނަށް ޤައުމީ ޓީމް ދަސްކޮށްގެން ކުރިއެރުވުމަށް ލިބޭ ވަގުތުކޮޅު މަދުވެފައި މަޤާމުން ވަކިވާންޖެހޭލެއް އަވަހެވެ. މިގޮތުން މިޤައުމަށް ކޯޗް ކޮށްދިން ފާހަގަކޮށްލެވޭ މޮޅެތި ކޯޗުންނަކީ އޮސްޓްރިއާގެ ޖިއޯޖީ ކޮޓަން އަދި ވޯލްޑްކަޕް 2006 ގައި އައިވަރީ ކޯސްޓް އަށް ކޯޗްކޮށްދިން ޖަރުމަނުވިލާތުގެ އޮޓޯ ފިސްޓަރ އެވެ.
މިހާރު މިޤައުމުގެ ކޯޗަކަށް ހުރީ މެސެޑޯނިޔާގެ ރައްޔިތެއް ކަމުގައިވާ ނިކޮލާ ލެވިސްކީއެވެ. 57 އަހަރުގެ ލެވިސްކީ އަކީ ކުރިން މެސެޑޯނިޔާގެ ޤައުމީ ޓީމަށް އަދި ޔޫގޯސްލޭވިޔާގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ މީހެކެވެ. 2002 ން 2003 ވަނައަހަރަށް މެސެޑޯނިޔާގެ ޤައުމީ ކޯޗަކަށް ހުރުމަށްފަހު އެޤައުމުގެ ފުރަތަމަ ޑިވިޒަންގެ ފުޓްބޯޅަ ކުލަބުތަކަށް މީނާ ވަނީ އިރުޝާދުދީފައެވެ.
* ޓީމްގެ މަޝްޙޫރު ކުޅުންތެރިން
ބަންގްލަދޭޝް ޓީމަކީ ޤައުމީޓީމް ނެގުމަށް ފަހު މުބާރާތުގެ މަރުޙަލާގައި ތަފާތު މައްސަލަތައް ކޯޗާއި އަދި ކުޅުންތެރިންނާއި ޢާއްމުކޮށް ޖެހޭ ޤައުމެކެވެ. މިގޮތުން ބައެއް މުހިންމު ކުޅުންތެރިން މުހިންމު މުބާރާތްތަކުގައި ހިމެނުމުގެ ފުރުސަތު ކުޑަވެއެވެ.
ގޯލްކީޕަރ ބިލޮޕް ބަޓަޗަޖީ އަކީ ބަންގްލަދޭޝްގެ އަބްހާނީ ކުލަބަށް ކުޅޭ އުމުރުން 30 އަހަރުގެ ތަޖުރިބާކާރެކެވެ. ޓީމްގެ ދިފާޢުގައި ސެންޓްރަލް ބެކް މަޤާމުގައި މުހިންމު ދަޢުރެއް އަދާ ކުރާނީ އުމުރުން 24 އަހަރުގެ މުޙައްމަދު މާމުން މިޔާ އާއި މީނާ އާއި އެއްކުލަބަކަށް ކުޅޭ އުމުރުން 23 އަހަރުގެ މުޙައްމަދު އާރިފުލް އިސްލާމް ގުޅިގެންނެވެ. އަދި ދިފާޢީ ކުޅުންތެރިޔާ އުމުރުން 24 އަހަރުގެ ރެޒައުލް ކަރީމް އަކީވެސް ދިފާޢުގައި ވަރުބަލިވުމެއް ނެތި މަސައްކަތްކުރާ ކުޅުންތެރިއެކެވެ. މެދުތެރެއިން ހަމަލާ ދޭނޭ ކުޅުން ތެރިންނަށް ބަލާއިރު އުމުރުން 25 އަހަރުގެ އަބްދުލް ބާޓެން މޮޖުމްދާރް ކޮމޯލް އަކީ ދެފަރާތު އަރިމަތިން ނުރައްކާތެރި ހަމަލާ އުފައްދާ ހަމަލާދޭ ކުޅުންތެރިއެކެވެ. މިޓީމްގެ ފޯވަރޑުންނަށް ބަލާއިރު ފާހަގަ ކުރެވެނީ އުމުރުން 22 އަހަރުގެ ހަލުވި މިތުން ޗޯދުރީ އާއި ލަނޑުޖަހަން ފަރިތަ ޒާހިދު ހަސަން އަމެލީ އެވެ.
* ކުޅުމުގެ ސްޓައިލް އާއި ލަފާކުރާ ނަތީޖާ
ބަންގްލަދޭޝްއަށް މިއަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މިޓީމަށް އަލަށް ގެނެވުނު މެސެޑޯނިޔާގެ ކޯޗަށް ޓީމްގެ ފުރިހަމަ ފެންވަރު ނެރެލެވޭނޭ ކަމަކަށް ނުބެލެވެއެވެ.
މިޓީމް ހިމެނޭ ގްރޫޕްގައި ހިމެނޭ ދިވެހިރާއްޖެ، ނޭޕާލް އަދި ޕާކިސްތާން އަށް ބަލާއިރު މިޓީމަށް ދިވެހިރާއްޖެ އާއި ޕާކިސްތާން ފަހަނައަޅާ މުބާރާތުގެ ގްރޫޕް މަރުޚަލާއިން ސަލާމަތް ވެވިދާނޭ ކަމާމެދު ޝައްކުއުފެދެއެވެ.
ޕާކިސްތާން އާއި ކުރިމަތިލާއިރު، މި 2 ޓީމްގެ ކުރިމަތިލުން ނިމިގެންދާނީ ހަމަ ނަތީޖާއަކުން ކަމަށް އަންދާޒާ ކުރެވެއެވެ. އެއީ މިދިޔަ ޖޫން މަހު ވޯލްޑްކަޕް ކޮލިފައިގެ ފުރަތަމަ ބުރުގެ 2 މެޗް ޕާކިސްތާން އާއި އެކު ކުޅެ އެޓީމް 1 މެޗުން ބަލިކޮށް އަނެއް މެޗް އެއްވަރުވެފައިވާތީ، މިދެޓީމްގެ ކުރިމަތިލުމުގައި ބަދަލު ހިފުމުގެ ރޫޙާއި ދެޓީމްގެ ކުޅުންތެރިންނަށް އެއްބަޔަކު އަނެއްބަޔަކު އެނގޭ މިންވަރު ބޮޑުވާނޭ ކަމަށް ލަފާކުރެވޭތީއެވެ. އަދި ޕާކިސްތާންގެ އާ ކޯޗާއި އެކު އެޓީމް ބައްޓަންވަމުންދަނީ ވަރުގަދަ ކުޅުމަކަށް ކަމަށްވާތީ މިދެޓީމް ކުރިމަތިލާއިރު ޕާކިސްތާންގެ ކުޅުންތެރިންގެ ހައިބަތާއި ގަދަފަދަކަން އެއީ ބަންގްލަދޭޝްއަށް އުނދަގޫ ކުރުވާނޭ ކަމެއް ކަމަށް ފެންނާތީއެވެ.
ނޭޕާލް އަށް ބަލާއިރު މި ދެޓީމް ބައްދަލުކުރާނީ މުބާރާތުގެ ގްރޫޕް މަރުޚަލާގެ 2 ވަނަ މެޗްގައެވެ. އަދި މިމެޗަކީ ފުރަތަމަ މެޗްގެ ނަތީޖާ އަށްފަހު ގްރޫޕްގައި ދެމިއޮތުމުގެ އުންމީދަށް ކާމިޔާބުކުރުން މަޖްބޫރު ކުރުވާނޭ މެޗެއް ކަމަށް ފެނެއެވެ. ވުމާއިއެކު ލަފާކުރެވެނީ ނޭޕާލްގެ ހަލުވި ކުޅުންތެރިންނާއި އިދިކޮޅަށް ކުޅޭ ބަންގްލަދޭޝް ޓީމަށް މިމެޗުން މޮޅުނުވެވޭނޭ ކަމަށެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ދިވެހިރާއްޖެ ފަދަ ރޭވުންތެރި މެނޭޖްމަންޓަކާއި ހުނަރުވެރި ކުޅުންތެރިން ތަކަކާއި ކުރިމަތިލުމަށް ބަންގާޅު ކޯޗުގެ މުހިންމު އިރުޝާދާއި އެޓީމްގެ ކުޅުންތެރިންގެ ހިތްވަރަކީ މުހިންމު ހަތިޔާރަކަށް ވާނެއެވެ. ނަމަވެސް ޤަބޫލްކުރެވެނީ މުބާރާތުގެ ގްރޫޕް މަރުޚަލާގެ ފުރަތަމަ މެޗްތަކުން ބަންގާޅަށް މޮޅުނުވެވިއްޖެނަމަ ފަސޭހަކަމާއި އެކު ދިވެހިރާއްޖެ މިމެޗުން މޮޅުވާނޭ ކަމަށެވެ.
ބަންގްލަދޭޝް ޓީމްގެ ރޭވުން މިހާރަކަށް އައިސް އެތުރެނީ 4 ޑިފެންޑަރުންނާއި 3 މިޑްފީލްޑަރުން އަދި 3 ފޯވަރޑުންގެ މައްޗަށެވެ. އަދި މިގޮތަށް އެތުރިފައި ތިބޭއިރު އަރިމަތީ ޑިފެންޑަރުން މެދު ރޮނގަށް ވުރެ ކުރިއަރާ ހަމަލާ ދެނީ މަދު ފަހަރަކުއެވެ. އަދި މިޑްފީލްޑް އެތުރިފައިވާ ގޮތުން ބަންގާޅު ޓީމްދޭ ހަމަލާ ތައް އިދިކޮޅު ޓީމްތަކުން ދިފާޢުކޮށްފައި އެޓީމްތަކުން އުފައްދާ ކައުންޓަރ އެޓޭކްތަކަށް މެދުތެރެއިން ދިފާޢު ކުރުމުގައި ބަލިކަށިކަމަށް ފެނެއެވެ. އަދި މިފަދަ ވަގުތު ތަކުގައި ސީދާ މެދުގައި ދިފާޢުކުރަން ހުންނަނީ އެންމެ ކުޅުންތެރިއެއް ކަމަށް ވެއެވެ. މިސަބަބުތަކަށް ފަހު ބަންގާޅު ޓީމް މިސިސްޓަމާއި އެކު އެތުރިގެން ދިވެހިރާއްޖެ އަދި ނޭޕާލް އާއި އެކު ކުޅޭއިރު އެޤައުމުތަކުގެ ކައުންޓަރ އެޓޭކްތަކުގެ ސަބަބުން ބޮޑިބުއިން ގާތެވެ.