09 Dec 2019, 16:53
މޯލްޑިވްސް ޖަސްޓިސް ޕާޓީ (އެމްޖޭޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދެން ނިންމީ އެ ނަމަކީ މިހާރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކާ އެއްގޮތް ނަމެއް ކަމަށް ބެލެވޭތީ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަދާލަތު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރެޖިސްޓްރީ ކޮށްފައި ވާއިރު، އަދާލަތު މިބަސް އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުން ދޭހަވަނީ "ޖަސްޓިސް" މި ބަހެެވެ.
އެމްޖޭޕީގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދައަށް އެދުނު ނަމަވެސް އެ ހުއްދަ ނުދޭން އީސީއިން ނިންމާފައިވާއިރު ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ ކޮމިޝަނުން ވަނީ ދީފައެވެ.
ރާއްޖޭގައި މިހާރު ރެޖިސްޓްރީކޮށްގެން ހިންގާ ޕާޓީތަކުގެ އަދަދަކީ ނުވައެކެވެ. މީގެ ތެރެއިން 10،000 މީހުން ހަމަވަނީ އެންމެ ތިން ޕާޓީގައެވެ.
މީގެ އިތުރުންވެސް ސިޔާސީ ޕާޓީތައް އުފެއްދުމަށް އިލެކްޝަންސްއިން ވަނީ ހުއްދަ ދީފައެވެ.