އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މާލޭ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ޕަސިންޖަރެއްގެ އަތުން އެއާޕޯޓް ޑިވަލޮޕްމަންޓް ފީއެއްގެ ގޮތުގައި 25 ޑޮލަރު ]385.5ރ.[ގެ ފީ ނަގާނެ ކަން ރަސްމީކޮށް، އެއާޕޯޓް ހިންގާ އިންޑިއާގެ ކުންފުނި، ޖީއެމްއާރުން އެއާލައިންތަކަށް އަންގައިފި އެވެ.

ޖީއެމްއާރުގެ ސީއީއޯ އެންޑްރޫ ހެރިސަން ސޮއިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އެއާލައިންތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މީގެ ކުރިންވެސް އެއާޕޯޓް ފީ ނަގަން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އެކަންތައް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. ނަމަވެސް އެއާޕޯޓް ފީ ނެގުން އިތުރަށް މަޑުޖައްސައިލެވެން ނެތް ކަމަށާއި އެހެންކަމުން އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ދެ އަހަރުން މަތީގެ ކޮންމެ ޕަސިންޖަރެއްގެ އަތުން 25 ޑޮލަރު ނަގާނެ ކަމަށެވެ.

ޖީއެމްއާރްގެ ސިޓީގައި ބުނެފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ޗާޓާ އެއާލައިންސްތަކުން ދަތުރުކުރާ ޕަސިންޖަރުންގެ އަތުން މިހާރު ވެސް އެއާޕޯޓްފީ ނަގަން ފަށާފައިވާ ކަމަށާއި އެކަން އެގޮތުގައި ކުރިއަށް ދާނެ ކަމަށެވެ.

ޖީއެމްއާރް އިން ބުނީ ދިވެހިންނާއި ސައްހަ ވޯކްޕާމިޓެއް ނުވަތަ އެފަދަ އެހެންވެސް ލިޔުމެއް އޮތް ބިދޭސީއެއް ނަމަ އެއާޕޯޓް ފީ ދައްކާ އިރު އެދުވަސްވަރެއްގައި ރާއްޖެގައި ޑޮލަރުގެ އަގު އޮތް ރޭޓަކަށް ބަލައި 25 ޑޮލަރަށްވާ ފައިސާ ދިވެހި ރުފިޔާ އިން ނަގާނެ ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓް ފީ އާ ބެހޭ މައުލޫމާތު ހިމެނޭ ލީފްލެޓްތަކާއި އެހެނިހެން ވެސް ގޮތްގޮތުން ޕަސިންޖަރުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް ޖީއެމްއާރް އިން ބުނެ އެވެ.

ޖީއެމްއާރުން އެއާޕޯޓް ފީ ނަގަން ހަމަޖެއްސުމާ ގުޅިގެން އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ މަޓާޓޯ އިން ވެސް ވަނީ އެކަމާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި އެއާޕޯޓް ފީނެގުމުން އެއާލައިންސްތަކުން ރާއްޖެއާ ދޭތެރޭ ދެކޭ ގޮތް ކިލނަބުވެ ރާއްޖޭގެ ފަތުރުވެރިކަމަށް ނެދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެފައިވެ އެވެ.