އިސްލާމް ދީނުގެ ހުކުމްތަކަށް ގޮންޖައްސަވައި އެ ހުކުމްތައް ބަދަލު ކުރުމަށް އާންމު ބަހުސަކަށް ގޮވާލި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ރާއްޖެ އަށް ދެ ވަނަ ފަރަހަށް ނާދެވޭ ގޮތް ހެދުމަށް ކަމާ ބެހޭ އިދާރާތަކަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް )އައިއެފްއެމް( އިން މިއަދު ގޮވާލައިފި އެވެ.

އައިއެފްއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމީ ހުކުމްތައް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ޕިއްލޭ ގޮވާލުމަކީ އދ. ގަވާއިދުތައް އޭނާ އަށް ނޭނގުމުގެ ހެއްކެއް ކަމަށެވެ. އަދި ކޮންމެ ގައުމެއްގެ ދީނާއި އެ ގައުމެއްގެ ސަގާފަތް ހިމާޔަތް ކުރުމުގެ މިނިވަންކަން ލިބިދީފައިވާ އިރު، އެކަމަށް ހުރަސްއަޅައި ވާހަކަތައް ދެއްކުން އެއީ އދ.ގެ ގަވާއިދުތަކުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އދ.ގެ ގަވާއިދާ ހިލާފަށް އޭނާ އެ ކުރީ ކުށެއް ކަމަށާއި އޭނާއަކީ "ދީނެއް ދުނިޔެއެއް، އުޑެއް ބުޑެއް ވެސް ނުދަންނަ" މީހެއް ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

"އޭނާއަކީ ތިމާގެ އަމިއްލަ ފެންވަރު ނޭނގުނު މީހެއްކަމުގައި ބުނެވިދާނެ އެވެ. އަދި ހަމައެޔާއެކު އޭނާއަކީ އދ.ގެ ގަވާއިދު ވެސް ނޭނގޭ މީހެކޭ ދެންނެވިދާނެ އެވެ. އެހެންނާފަހެ ކޮންމެ ގައުމެއްގެ ވެސް އެބައެއްގެ ދީނާއި ގައުމުގެ ސަގާފަތް ހިމާޔަތް ކުރުމުގެ މިނިވަންކަން އޮތްއިރު އެކަމަށް ހުރަސްވާ ފަދަ ވާހަކަތައް ދެއްކުން ނުވަތަ އެކަންކަމަށް ހުރަސް އެޅުން އެއީ އދ.ގެ ގާވާއިދާ ވެސް ހިލާފަށެވެ. އަދި އެމީހުންގެ ހަމަތަކުގެ ބެލީމާ ވެސް އޭނާއެކުރީ ކުށެކެވެ،" އައިއެފްއެމްގެ ބަޔާނުގައިވެ އެވެ.

ޒިނޭގެ ހުކުމް ސާބިތުވާ އަންހެނުންގެ މައްޗަށް ހައްދު ޖެހުން ފަދަ އިސްލާމް ދީނުގައިވާ ﷲގެ ހުކުމްތައް ތަންފީޒު ކުރުމުގައި ދެމިތިބުމަށް ރައްޔިޔުންގެ މަޖިލީހަށާއި ފުލުހުންނަށާއި ސިފައިންނަށާއި ކަމާ ބެހޭ އިދާރާތަކަށް އެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ޕިއްލޭ ދައްކާފައިވާ ވާހަކަތަކީ އިސްލާމް ދީނުގައި ކޮޅުފައިން ޖެހުން ކަމަށް އިޝާރާތްކޮށް އައިއެފްއެމްއިން ބުނެފައި ވަނީ އޭނާއަކީ މުސްލިމުންގެ މެދުގައި ފިތުނަ އުފައްދަން އުޅޭ މީހެއް ކަމަށާއި އިސްލާމް ދީނާ އެއްގޮތަށް އޭނާއާ މެދު ފިޔަވަޅުއަޅައި ދެވަނަ ފަހަރަށް އޭނާ އަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީގެ މެންބަރުންގެ ކުރިފުޅު މަތީގައި އިސްލާމް ދީނުގެ ހުކުމްތަކަށް ގޮންޖައްސަވައި އެ ހުކުމްތައް ބަދަލު ކުރުމަށް ގޮވާލި އިރު، އެ މެންބަރުން އެކަން ކުށްވެރި ނުކުރުމުން އެމަކާ ކަންބޮޑުވުން ފާޑުކޮށްފައިވެ އެވެ. ޕިއްލޭގެ ވާހަކަތައް ފާޅުގައި އަދި ހިތުން ނަމަވެސް ކުށްވެރި ކުރުމަކީ މުސްލިމް މުޖްތަމައަކަށް ނިސްބަތްވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް އިސްލާމިކް ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މި މަހުގެ 21 އިން 24 އަށް ޕިއްލޭ ރާއްޖެ އަށް ކުރި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ތަގުރީރު ކުރައްވާފައިވެ އެވެ. އޭނާގެ ތަގުރީރުގައި ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އެ މީހުންގެ ޝަރަފަށް އުނިކަން ލިބޭކަމެއް ކަމަށާއި ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސެއް ބޭއްވުމަށް ގޮވާލެއްވި އެވެ.