މެންޗެސްޓާ ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށް އުންމީދު ނުކުރި ނަމަވެސް އެމުބާރާތް ކާމިޔާބު ކުރުމުގެ އުންމީދެއް ނެތް ކަމަށް ކްލަބުގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ބޮޑު ޚަރަދަކާއި އެކު މޮޅު ކުޅުންތެރިން ތަކަކާއި ފެންނަމުންދާ މެން ސިޓީ އިން ޕްރެމިއާ ލީގުގެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޗެމްޕިއަންސް ލީގުގައި އެޓީމަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ޕްރެމިއާ ލީގުގެ އެއް ވަނާގައިވާ މެންސިޓީ އަށް ޗެމްޕިއަންސް ލީގުގެ މުބާރާތަކީ އާ މުބާރާތެކެވެ.

އަންނަ މަހު ޑިސެމްބަރު ހަތް ވަނަ ދުވަހު ބެޔާން މިއުނިކާއި ދެކޮޅަށް މެންސިޓީ ކުޅޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މޮޅުވާން މަޖުބޫރު ވާނެ އެވެ. އެ މެޗުން މޮޅުވި ނަމަވެސް ވިލަރެއާލް އާއި ދެކޮޅަށް ނަޕޯލީ ކުޅޭ މެޗުން މޮޅު ވެއްޖެ ނަމަ ދެވަނަ ބުރުގެ ފުރުސަތު ލިބޭނީ ނަޕޯލީ އަށެވެ. ނަމަވެސް ނަޕޯލީ އެއްވަރުވެ ބަލިވެއްޖެ ނަމަ މެންސިޓީ އަށް ފުރުސަތު އޮންނާނެ އެވެ.

"ދެވަނަ ބުރަށް ދެވޭނެ ކަމަށް އުންމީދު ކުރަން. ދެވަނަ ބުރުން އަރައިގަނެ ވުނަސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފެންވަރެއް ޓީމަކު ނެތް. އެހެން ނަމަވެސް އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." މެންސިޓީގެ ކޯޗް މަންޗިނީ ބުންޏެވެ.

މެންސިޓީ އޮތީ ޗެމްޕިއަންސް ލީގުގެ ގްރޫޕު އޭ ގެ ތިން ވަނާގައެވެ. އެޓީމު ތިންވަނާގައި އޮތީ ލިބުނު ހަތް ޕޮއިންޓާ އެކު އެވެ. ތޭރަ ޕޮއިންޓާއެކު އެގްރޫޕުގެ އެއްވަނާގައި ބެޔާން މިއުނިކް އޮތްއިރު، އަށް ޕޮއިންޓާއެކު އެގްރޫޕުގެ ދެވަނާގައި އޮތީ ނަޕޯލީ އެވެ. އެންމެ ފުލުގައި އޮތް ވިޔަރެއާލް އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.