14:30


މިނިކާވަގު ހިމާޔަތްކުރުމާ ބެހޭގޮތުން ހަދާފައިވާ ޑޮކިއުމެންޓަރީ ފިލްމެއް ކަމުގައިވާ "ދަ ޓްރުތް އެބައުޓް ޓައިގަރސް"ގެ ރާއްޖޭގައި ބޭއްވި ޚާއްޞަ ސްކްރީނިންއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ވަޑައިގެންފި އެވެ.


ދަރުބާރުގޭގައި ރޭ ބޭއްވި މި ސްކްރީނިންގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، އަދި ތިމާވެށި ހިމާޔަތް ކުރެއްވުމަށް ރާއްޖޭގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެއްގަމާއި ކަނޑުގެ ދިރުން އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ. މިގޮތުން މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ދިވެހިރާއްޖޭގެ ބިމާ ބެހޭ އިދާރީ ދަފްތަރު ބަލަހައްޓަވައި، އެކަމާ ބެހޭގޮތުން ކުރައްވަންޖެހޭ ހުރިހާ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ދަފްތަރުގައި ރާއްޖޭގެ ފަރުތައް ވެސް ހިމެނޭ ކަމުގައި ވިދާޅުވި އެވެ.