09 Dec 2019, 11:31
ގއ. ވިލިނގިލީ ގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތުގައު އުޅުނިކޮށް ކަރަންޓުގައި ޖެހުނު މުވައްޒަފުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ އިން ބުނީ ވިލިނގިލި ބްރާންޗުގެ ޓެކްނީޝަން މުހައްމަދު މުފީދު އިތުރު ފަރުވާ އަށް މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ކަރަންޓުގައި ޖެހުމުން މުފީދަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ.
ނަރުދަމާގެ މަސައްކަތެއްގައި އުޅެނިކޮށް މުފީދު ކަރަންޓުގައި ޖެހުނީ ނަރުދަމާގެ މަސައްކަތްކުރުމަށް ކޮނެފައި ހުރި ކޯރުގައި ފެން ހުއްޓައި ކޯރަށް ގުޅާފައި ހުރި ޕަމްޕަށް ކަރަންޓު ދިން ވަގުތު މުފީދު ކޯރު ތެރޭ ހުރުމުންނެވެ.
މީގެ ހަތަރު އަހަރު ކުރިން ޑިސެމްބަރު، 7، 2015 ގައިވެސް ވަނީ މިފަދަ ހާދިސާއެއް އެރަށުގައި ހިނގާފައިވެއެވެ. އެގޮތުން އެފަހަރު ދެ މީހަކަށް ކަރަންޓު ޖެހި، އެކަކު ވަނީ މަރުވެފައެވެ. އޭރު އެ ހާދިސާ ހިނގާފައިވަނީ، އެ ރަށު މަގުހެދުމުގެ މަސައްކަތުގެ ތެރޭގައި ބުރުވި ކަރަންޓު ކޭބަލެއް ގުޅުވުމުގެ ތެރޭގައި ކަމަށެވެ.