09 Dec 2019, 09:44
ވޮޝިންޓަން (ޑިސެމްބަރު 9) : ނިއުކްލިޔާ ހަތިޔާރު ނައްތާލަން ފަސްޖެހޭނަމަ އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންގް އުންއަށް ބޮޑު އެއްޗެއް ގެއްލިގެންދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ކިމްއަށް އިޝާރާތް ކުރައްވައި ޓްރަމްޕް ކުރެއްވި ޓްވީޓް ތަކެއްގައި ވިދާޅުވީ ކިމް އަކީ ވިސްނުން ތޫނު ބޭފުޅެއްކަމަށާ އޭނާގެ ކުރިމަތީގައި އަގުބޮޑު ފުރްސަތުތަކެއް ހުރިކަމުގައެވެ. މިގޮތުން 2018 ވަނައަހަރު ކިމްއާއެކު ސިންގަޕޫރުގައި ބޭއްވި ސަމިޓްގައި އުތުރުކޮރެއާ ގެ ނިއުކްލިޔާ ހަތިޔާރު ނައްތާލުމަށް އޭނާ ވެވަޑައިގެންފައިވާ ވައުދު ފުއްދައިފިނަމަ އިގްތިސާދީ ބޮޑުބާރަކަށް އުތުރުކޮރެއާ ހެދުމުގެ ފުރްސަތު ކިމްގެ ކުރިމަތީގައި އޮތްކަމަށާ އެފުރްސަތު ކިމް ގެއްލުވާނުލާނެކަމަށް އުންމީދު ކުރައްވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އުތުރު ކޮރެއާއިންވަނީ އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ބައެއް ލުއިތައް ނުދޭނަމަ އެގައުމުގެ ނިއުކްލިޔާ ހަތިޔާރު ނައްތާލައި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ރޫޅާލުމަށް އެމެރިކާއާއެކުވެފައިވާ އެއްބަސްވުމާއެއްގޮތަށް އަމަލު ނުކުރާނެކަމަށް ބުނެފައެވެ.
ނިއުކްލިޔާ ހަތިޔާރު ނައްތާލައި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ރޫޅާލުމަށް ސިންގަޕޫރުގެ ސަމިޓްގައި އުސޫލެއްގެ ގޮތުން ކިމް އާއި ޓްރަމްޕް އެއްބަސްވެވަޑައިގެންނެވިއިރު ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ޓްރަމްޕްވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. ނަމަވެސް ފަހުން އެމެރިކާވަނީ އުތުރުކޮރެއާއިން ނިއުކްލިޔާ ހަތިޔާރު ނައްތާލުމުގެ ކުރިން ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަވެސް ލުއެއް ދިނުމަށް ދެކޮޅު ހަދާފައެވެ.
ނަތީޖާއެއްގެ ގޮތުން އުތުރު ކޮރެއާގެ ނިއުކްލިޔާ ހަތިޔާރު ނައްތާލައި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ރޫޅާލުމާބެހޭގޮތުން ކިމް އާއި ޓްރަމްޕް އެއްބަސްވެ ވަޑައިގެންނެވި އެއްބަސްވުންވަނީ ރޫޅުމުގެ މަގުމަތީގައެވެ. މިކަމާބެހޭގޮތުން ފަންނީ މާހިރުންގެ ފެންވަރުގައި އެދެގައުމުން ދެފަހަރެއްގެ މަތިން ބޭއްވި ވާހަކަތައް ކޮޅެއްގައި ނުޖެހި ނާކާމިޔާބުވެގެންވަނީ ނިމިފައެވެ.
ޓްރަމްޕް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އޭނާގެ ފުރަތަމަ ދައުރުގައި ޚާރިޖީ އެއްވެސް ކަމެއްގައި މިހާތަނަށް ކާމިޔާބު ލިބިވަޑައިގެންފައެއް ނުވެއެވެ. އީރާނުގެ މައްސަލާގައާއި އުތުރުކޮރެޔާގެ މައްސަލާގައާއި ސޫރިޔާގެ މައްސަލައާއި ފަލަސްތީނާއި އިސްރާއީލުގެ ސުލްޙައިގެ މައްސަލައާ އަދި ވެނެޒުއެލާގެ މައްސަލާގައިވެސް ޓްރަމްޕަށް އެއްވެސް ކާމިޔާބީއެއް ލިބިވަޑައިގެންފައިނުވާތީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ ކޭންޕޭންގައި ޚާރިޖީ ގޮތުން ކަމެއް ކުރެވިފައިވާ ކަމަށް ވިދާޅުވެ ދައްކާނެ ވާހަކަތަކެއް ނެތްކަމުގެ އިޙްސާސް ޓްރަމްޕް ގެންދަވަނީ ކުރައްވަމުންނެވެ.
ޓްރަމްޕް މިދިޔަ ހަފްތާގައިވެސް ވަނީ އިންޒާރާ އަދި ސުލްޙައިގެ މެސެޖްތަކެއް ހިމެނޭގޮތަށް އުތުރު ކޮރެއާގެ ޒައީމަށް އަމާޒު ކުރައްވައި ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ. މިގޮތުން އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންގް އުން އަކީ ގާތް ރަހްމަތްތެރި ބޭފުޅެއް ކަމަށާ އޭނާއާ ރަހްމަތްތެރި ކަމުގެ ގާތް ގުޅުންތަކެއް ބޭއްވުމުގެ ސަބަބުން ނުރައްކާތެރި ހަނގުރާމަ އަކުން ދުނިޔެ ސަލާމަތް ކުރެވިފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕްވަނީ އޭނާގެ ޚާރިޖީ ސިޔާސަތު ކާމިޔާބުކަން ދެއްކުމަށް މަސައްކަތް ކުރައްވާފައެވެ. އަދި ޓްރަމްޕްވަނީ އެމެރިކާއަށް ލިބިފައިވާ އަސްކަރީ ހުރިހާ ބާރެއް އުތުރުކޮރެއާ ދާ ދެކޮޅަށް ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަންކުރަން ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އުތުރު ކޮރެއާއަށް އިންޒާރުވެސް ދެއްވާފައެވެ.
އުތުރުކޮރެއާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ލުއިނުދޭނަމަ ނިއުކްލިޔާ ހަތިޔާރާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމް ނައްތާލުމުގެ އެއްވެސް ކަމެއް ކުރިޔަށް ނުގެންދާނެކަމަށާ އަދި ނިއުކްލިޔާ ތަޖްރިބާތައްވެސް އަލުން ފަށާނެކަމުގެ އިންޒާރު އެމެރިކާއަށް ދީފައެވެ. އުތުރު ކޮރެއާގެ ރަސްމީ ނޫންއެޖެންސީން އިއްޔެވަނީ އާދަޔާ ޚިލާފު ބޮޑު ތަޖްރިބާ އެއް އެގައުމުގެ ސިފައިން ކުރިކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮންތަޖްރިބާއެއްކަމެއް ބުނެފައެއް ނުވެއެވެ. ޓްރަމްޕްވަނީ މިކަމާމެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. (ރޮއިޓާސް)