26 Nov 2011, 15:02
މިހާރު ތަމްރީންވަމުން އަންނަ ޓީޗަރުންގެ ތެރެއިން އަންނަ ދިރާސީ އާ އަހަރަށް 200 ޓީޗަރުން ތަމްރީން ވެގެން ނުކުންނާނެ ކަމަށް އެޑިޔުކޭޝަނުން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެއްސެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ އޭގެ ތެރެއިން ގިނަ ބޭފުޅުން އެ ބޭފުޅުންގެ ރަށުގައި ހިދުމަތް ކުރުމަށް ދާން ބޭނުންވާ ކަމަށާއި އެއީ ދިވެހި ތައުލީމުގެ ފެންވަރު ރަނގަޅުވާނެ ކަމެއް ކަމެއް ކަމަށެވެ.
ނަމަވެސް އަދިވެސް ސާނަވީ އަދި މަތީ ސާނަވީ އަށް ޓީޗަރުން ލިބުމުގައި ދަތިކަމެއް އުޅޭ ކަމަށާއި އެއީ އަބަދުވެސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި އެކަމަށް ހައްލެއް ލިބޭނީ ދިވެހިން ދިވެހިންގެ މަސައްކަތާ ހަވާލުވެގެން ކަމަށް ޝިފާ ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ޓީޗިންގެ ދާއިރާ އަށް އަލަށް ނުކުންނަ 200 ވަރަކަށް ދިވެހި ޓީޗަރުންގެ އިތުރަށް އަންނަ އަހަރުގެ ދިރާސީ އާ އަހަރަށް 175 ބިދޭސީ ޓީޗަރުން ގެންނަވާނެ ކަމަށެވެ.
"ރާއްޖެ އަށް ޓީޗަރުން ނުލިބުމުގެ މައްސަލައަކީ މި އަހަރަކު މިދިޔަ އަހަރު ނުވަތަ އޭގެ ކުރިން ދިމާވެގެން އުޅޭ މައްސަލައެއް ނޫން. އެއީ އަބަދު ވެސް ދިމާވަމުން އަންނަ މައްސަލައެއް. މިކަން ހައްލުކުރުމަށް ދިވެހިން ދިވެހިންގެ މަސައްކަތާ ހަވާލުވުމަކީ ވަރަށް މުހިއްމުކަމެއް،" ޝިފާ ވިދާޅުވި އެވެ.
ސުކޫލްތަކުގެ ޖާގައިގެ ދަތިކަމާ ބެހޭ ގޮތުން ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަންތައް އެގޮތަށް ދިމާވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ "ކުދިން ދަމާފައި މާ ދުރަށް ގެންދަން" އުޅޭ މައްސަލަ ކަމަށެވެ. ނަމަވެސް މި އަހަރު އަތޮޅުތަކުން މާލޭގެ ސްކޫލުތަކަށް ވަންނަން އެދޭ އަދަދު މަދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖާގައިގެ ދަތިކަމަކީ މާލޭގައި ދިމާވެފައިވާ ބޮޑު މައްސަލައެއް. ހަގީގަތުގައި މިކަންތައް ކުރިމަތިވުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ކުދިން ދަމާފައި މާދުރަށް ކިޔަވަން ގެންދަން އުޅޭތީ. މިކަމުން ކުދިންނަށް ވެސް ވަރަށް ބޮޑެތި ދަތިކަމެއްވާނެ." އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފެށޭ އިރު ކުދިންނަށް ލިބެން ޖެހޭ ފޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރީން ވިދާޅުވި ގޮތުގައި ތިން ބުރެއްގެ މައްޗަށް ބަހާލައިގެން ފޮތްތައް މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަތޮޅުތަކުގައި ހުންނަ ގައުމީ އިދާރާތަކަށް ފޮނުވަމުން އަންނަ ކަމަށާއި އަދި ޑިސެމްބަރު މަހުގެ 15 ހާތާގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކަށް ފޮތްތައް ފޮނުވައި ނިމޭ ވަރު ވާނެ ކަމަށެވެ.
އަދި މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ސުކޫލުތަކަށް ވައުޗާތައް ފޮނުވާފައިވާ ކަމަށެވެ.
އަދި މިހާރު ފޮތްތަކާ ބެހޭ ގޮތުން ސިޔާސީ ފަރާތްތަކުން ދައްކަވާ ވާހަކަފުޅުތައް ދޮގުކުރައްވަމުން މިނިސްޓަރު ޝިފާ ވިދާޅުވީ ފޮތްތައް ބަޔަކާ ޗާޕްކުރަން ހަވާލުކޮށްފައި ވަނީ ފައިނޭންސް މިނިސްޓްރީން ބީލަންކޮށްގެން ކަމަށެވެ. އަދި މިހާރު ބައެއް ފޮތްތަކުގެ އަގު ބޮޑުވާ އިރު ބައެއް އެއްޗެހީގެ އަގު ދަށް ވެސް ވެދާނެ ކަމަށް މިނިސްޓަރީން ބުންޏެވެ.