26 Nov 2011, 15:00
ޗެލްސީގެ ކޯޗް އަންދުރޭ ވިޔަސް ބޮއަސް މަގާމުން ދުރުކޮށްފިނަމަ، އެއީ އެކުލަބަށް ކުރެވޭ ބޮޑު ކުށެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް ބޮޑު ކާމިޔާބީ އެއް ހޯދައދިނުމަށް ފަހު ޖޫން މަހު ޗެލްސީ އާއި ހަވާލުވި ކޯޗަށް ފަހަކަށް އައިސް އެކުލަބަށް އެދެވޭ ކާމިޔާބީއެއް ހޯދައިދެވިފައެއް ނުވެއެވެ. އެންމެ ފަހުން ޗެލްސީ އިން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗެއް ގެއްލިފައި ވެއެވެ.
"ވަރަށް ގިނަ ބަޔަކު ބުނޭ ވިޔަސް ބޮއަސް މަގާމުން ދުރުކުރަން ޖެހޭނެ އޭ. ނަމަވެސް އެކަމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން. ކުރިން ޗެލްސީ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެކުލަބު ބަލިކުރުމަކީ ވެސް އުނދަގޫ ވާނެ ކަމަކަށް ވެފައިވަނީ. ނަމަވެސް މިހާރު އެހެނެއް ނޫން. މިހާރު އެހެރީ އާ ކޯޗެއް. އަދި ކުޅެނީ ވެސް މުޅިން އެހެން ގޮތަކަށް. އެ ކުޅުމަށް ހޭނެން ދުވަސްކޮޅެއް ނަގާނެ." ރޫނީ ބުންޏެވެ.
ކޯޗް ވިޔަސް ބޮއަސް ޕޯޗުގަލްގެ ޕޯޓޯއާއި ހަވާލުވި ހަމައެކަނި ސީޒަންގައި އެކަނިވެސް ވަނީ އެޓީމަށް ތިން ޓްރޮފީ ކާމިޔާބު ކޮށްދީފައެވެ. އަދި ޕޯޓޯއަށް މޮރީނިއޯ ހަދައިދިން ރެކޯޑްތައް ވެސް ވިޔަސް ބޮއަސްވަނީ ބިންދާލައި ރެކޯޑްތައް އާކޮށްފައެވެ.