08 Dec 2019, 18:24
ކ.މާފުށީގައި ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް 1600 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ އެރަށުގައި މީގެ ކުރިން ހިދުމަތްދެމުން އައިސްފައިވަނީ 1600 ކިލޯވޮޓްގެ އެއް ޖަނަރޭޓަރާއި، 1000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރުގެ އިތުރުން 888 ކިލޯވޮޓްގެ އެއް ޖަނަރޭޓަރު ބޭނުންކޮށްގެން ކަމަށެވެ.
ނަމަވެސް މާފުށީގައި ހިނގަމުންނަ އަންނަ ފަތުވެރިކަމުގެ ވިޔަފާރި ފުޅާވެ ގެސްޓްހައުސްތަކުގެ އަދަދު އިތުރު ވެފައިވާތީ އެ ރަށަށް ކަރަންޓް ބޭނުންވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެހެންކަމުން ޑިމާންޑަށް ބަލާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން 1600 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރާއެކު މެދުނުކެނޑި ކަރަންޓް ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ ކުރިއަށް އޮތްތާގައިވެސް މާފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި ކަރަންްޓުގެ ޑިމާންޑަށް ބަލާ އިތުރު އިންޖީނެއް ކުރިއަށް އޮތްތާގައި މާފުށްޓަށް ގެންދަންޖެހޭ ނަމަ އެކަން ކުރާނެ ކަމަށެވެ.
ހަތްސަތޭކައަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މާފުށީ އިންޖީނުގެއިން މިހާރުވެސްދަނީ 770 ގެއަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އޭގެތެރެއިން ކަރަންޓުގެ އެންމެ ބޮޑަށް ބޭނުންކުރަމުންދަނީ އަލަށް ހަދާ ގެސްޓްހައުސްތަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.