ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް އިތުރުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި އެ ބިލް ރައީސް ތަސްދީގު ކުރައްވާފައިވަނީ މިއަދު އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ނަމަވެސް އެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއި އެކު ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހޭނެ އެވެ. އަދި ފަސް ކައުންސިލަރުން ތިބޭ ކޮންމެ ކައުންސިލެއްގައި މަދުވެގެން ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެއެވެ.

އާބާދީ ކުޑަ ރަށްތަކުގެ ކައުންސިލުގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން އެވެ.

ޝިޔާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނު އަސާސީގައިވާ އިދާރީ ދާއިރާތަކުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ އެރަށުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށް ކަމަށާއި މިގޮތުން 3000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބު ކުރާނީ ފަސް ކައުންސިލް މެމްބަރުން ކަމަށެވެ. އަދި އެ ފަސް ކައުންސިލަރުންގެ ތެރޭގައި ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭ ގޮތަށް ވަނީ ގާނޫނު އިސްލާހު ކޮށްފަ އެވެ.

އަދި 3000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި އެ ކައުންސިލުތަކުގައި ތިން އަންހެން ކައުންސިލަރުން ތިބުން ވަނީ ލާޒިމް ކޮށްފަ އެވެ.

އެ ގާނޫނުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދޭން ޖެހޭނެ އެވެ. އެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 76 މެންބަރުންގެ ވޯޓުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީއެއް އޮންނަ ސިޓީ ކައުންސިލްތަކުގައި 13 ކައުންސިލަރުން ތިބެންޖެހޭނެ އެވެ. އަދި 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށް ވެސް ގާނޫނަށް ވަނީ ބަދަލު ގެނައިސްފަ އެވެ.

ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައިވަނީ ތިން ސަރަހައްދަކަށެވެ. އެއީ މާލޭ ސިޓީގެ އިތުރުން އައްޑޫ އަދި ފުވައްމުލަކު ސިޓީ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން، އައްޑޫ ސިޓީ ކައުންސިލަށް 13 ކައުންސިލަރުން އިންތިހާބުކުރަން ޖެހޭނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް ހަތަރެއްގައި ބާއްވަން ނިންމާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ.