08 Dec 2019, 15:14
ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ، 11 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމުގެ އަމުރަކަށާއި، އެ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި، އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.
އޭޖީ އޮފީހުން ބުނީ އެ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓުގައި މިހާރު ކުރިއަށްދާ 18 މައްސަލައިގެ އިތުރުން، އުމުރުން ހަ މަހާއި 13 އަހަރާ ދެމެދުގެ 11 ކުއްޖެއްގެ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އެ އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އެއް އަހަރުން ދަށުގެ ތިން ކުދިންނާއި، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ހަތަރު ކުދިންނާއި، ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ތިން ކުދިންނާއި، 13 އަހަރުގެ ކުއްޖެއްގެ މައްސަލައެވެ.
އެ 11 ކުދިން ވެސް ދައުލަތުގެ ބެލެމުގެ ދަށަަށް ގެންގޮސްފައި ވަނީ އެކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ހަވާލުވުމަށް އިންކާރުކޮށްފައިވާތީ ނުވަތަ މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީ، އަދި އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާނެ އެ ކުދިންގެ އާއިލާގެ އެއްވެސް މެންބަަރަކު ހަމަޖެހިފައިނުވާތީ، އެ ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ކަމަށް އޭޖީ އެފީހުން ބުންޏެވެ.
އަދި އެ 11 ކުދިންގެ މައިންބަފައިންގެ ތެެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމުގައި ޖެންޑާ މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކޮންމެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި އޭޖީ އޮފީހުން މިއަދު ފެމެލީ ކޯޓަށް 11 މައްސަލައެއް ހުށަހަޅާފައި ވާއިރު، އެފަދަ އަމުރެއް ހޯދުމަށް އެދި ޖެންޑާއިން އޭޖީ އޮފީހަށް މިވަގުތަށް ފޮނުއްވާފައިވާ ހުރިހާ މައްސަލަތަކެއް ކޯޓަށް ހުށަހަޅާ ނިމުނީ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ހައްގެކެވެ.
އެހެންކަމުން އެ ހައްގު ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމައުން ނުވަތަ އާއިލާއިން އިހުމާލުވާ ހާލަތުގައި، އެކުދީންނަށް ހާއްސަ ރައްކާތެރިކަމާއި، އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ދައުލަތަށް ލާޒިމް ކަމެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.