ހިޖުރީއާ އަހަރު ފާހަގަކުރުމުގެ ގޮތުން މާލޭގެ މަގުތަކުގައި ބެހެއްޓި ދިދަދަނޑިތަކުގުގައި ބޮޑެތި އިޝްތިހާރުތަކެއް ހިއްޕައި ހަރުކޮށްފި އެވެ.

އަމީނީމަގާއި އަދި ބޮޑެތި މަގުގައި ދެކަތްޕަށް ބަހައްޓާފައި ހުރި ދިދަތަކުގެ ތިރީގައި ހިއްޕާފައި ވަނީ ދުނިޔޭގެ ޑައިބިޓީސް ދުވަހުގެ އިޝްތިހާރުތަކެކެވެ.

މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު މިއަދު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ގައުމީ ދިދަ ހަރުކޮށްފައި ވަނީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނާއި އަދި މިއަދަކީ ހަކުރު ބަލީގެ ދުވަސް ކަމަށް ވާތީ އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ދިދަ ދަނޑިތަކުގައި އިޝްތިހާރު ބެނާތައް ހަރުކޮށްފައި ވަނީ ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ކަމަށާއި ދިދަ ދަނޑިތަކުގައި އިޝްތިހާރު ބެނާތައް ހަރުކުރެވިފައި ވަނީ އޮޅުމަކުން ކަމަށެވެ.

"މިއަދަކީ ހިޖުރީ އާ އަހަރު ފެށުނު ދުވަސްކަމަށްވާތީ އާއި އަދި މިއަދަކީ ހަކުރުބަލީގެ ދުވަސް ކަމަށްވާތީ އެ ދުވަސް ފާހަގަކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ދިދަ ހަރުކޮށްފައި ވަނީ. ދިދަ ދަނޑިތަކުގައި އިޝްތިހާރު ބެނާތައް ހަރުކޮށްފައި ވަނީ ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން. އެއީ އެމީހުންނަށް އޮޅުމަކުން ކުރެވުނު ކަމެއް. މިހާރު އެ ބެނާތައް ވަނީ ނަގާފައި،" މޭޔަރު ވިދާޅުވި އެވެ.

ބެނާތައް ނެގި ކަމަށް މޭޔަރު ވިދާޅުވިއަސް، ސަންގެ ނޫސްވެރިން ގޮސް ބެލިއިރު އަދިވެސް އެ ބެނާތައް ހުރި ގޮތަށް އެބަހުއްޓެވެ.