08 Dec 2019, 11:35
ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ވަގުތީ ގޮތުން ބެލެހެއްޓުމަށް އާއިލާތަކާ ހަވާލުުކުރުން ނޫނީ ފޮސްޓާކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް، ކުޑަކުދިންގެ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުގެ އޮޑިޓުގައި މައިގަނޑު ގޮތެއްގައި ބަލާފައިވާނީ 2014 އިން 2016 އަށް ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި، ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި އަމަލުކޮށްފައިވާ ގޮތަށެވެ.
އެ އޮޑިޓުގައި ބުނެފައި ވަނީ ވަގުތީގޮތުން ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައިވަނީ އެންމެ ހަރުދަނާ ގޮތެއްގައި ނޫން ކަމަށެވެ.
އުސޫލުތަކާ ހިލާފަށް ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކޮށްފައިވުމުގެ އިތުރުން ފޮސްޓަރިން ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓާފައި ނުވުމާއި ފޮސްޓާކޮށްފައިވާ ކުދިން އެކަށީގެންވާ ވަރަށް މޮނިޓާކޮށްފައި ނުވާކަމަށް ވެސް އޮޑިޓުގައި ބުނެފައިވެ އެވެ.
ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ އުސޫލުގައި ވާގޮތުން ވަގުތީގޮތުން ބެލުމަށް ހަވާލުކުރުމަށްޓަކައި ކުދިން ބެލެހެއްޓުމަށް އެދި ހުށަހަޅާ ފަރާތުގެ ހާލަތު ދެނެގަތުމަށްޓަކައި އެސެސްމެންޓެއް ހަދައި މިނިސްޓްރީން އެ އެސެސްމެންޓް ހަތް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހެ އެވެ.
އެހެން ނަމަވެސް ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފަސް ފަރާތެއްގެ އެސެސްމަންޓް މިހާތަނަށް ހަދާފައިނުވާއިރު އިތުރު ނުވަ ފަރާތެއްގެ ތެރެއިން އެސެސްމަންޓް ހެދުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވުމުން ހަތަރު ފަރާތެއްގެ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިހެންވުމުގެ ސަބަބުން ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހުށަހަޅާ ފަރާތްތަކުގެ މެދުގައި މިނިސްޓަރީއަށް އޮންނަ އިތުބާރު ގެއްލިގެންދާނެކަމަށް އޮޑިޓުގައި ވެއެވެ.
އަދި ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ މަރުހަލާތައް ދިގުދެމިގެންދާނަމަ ކަމަށް ގާބިލު އަދި ޝައުގުވެރިވާ އެތައް ފަރާތަކުން ކުރިމަތި ނުލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންކަމުން އެ ގެއްލިގެންދަނީ މައުސޫމު ކުދިންތަކަކަށް އާއިލީ ގުޅުމާއި ލޯތްބާއި އަދި އާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގެ ފުރުސަތު ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ އުސޫލުގައި ކުއްޖާ ވަގުތީގޮތުން ބެލުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ކުދިން ބެލެހެއްޓުމަށް ހަވާލުކުރާ ގޮތަށް ކަނޑައަޅާފައިވަނީ އެ އުސޫލުގައި ހިމަނާފައިވާ 14 ޝަރުތެއް ހަމަވުމުންކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެން ނަމަވެސް ފޮސްޓާ ކޮށްފައިވާ ބައެއް ފަރާތްތަކުގެ ޝަރުތު
ހަމަވާކަން އަންގައިދޭ ލިޔެކިޔުންތައް ފައިލުގައި ނެތް ކަމަށް އޮޑިޓުގައިވެ އެވެ.
އެގޮތުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ލިޔުމާއި، ކައިވެނިކޮށްގެން އުޅޭ ދެމަފިރިއެއްކަން އެނގޭ ލިޔުމާއި އަދި ކުއްޖާގެ ބޭނުންތަކަށް ހަރަދު ކުރެވޭވަރުގެ އާމްދަނީއެއް ލިބޭ ފަރާތެއްކަން އެނގޭނެ ލިޔުމެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ވަގުތީގޮތުން ކުދިން ބެލެހެއްޓުމަށް ހޮވޭ ފަރާތްތަކާއި ކުދިން ހަވާލުކުރާނީ މިނިސްޓްރީއާއި ކުއްޖާ ބަލަހައްޓައިދޭ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންކަމާއި އަދި ކުއްޖާ ހަވާލުކުރާއިރު ކުއްޖާ ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދޭނެގޮތުގެ ޕްލޭނާއި މޮނިޓާ ކުރަމުންދާނެގޮތުގެ ޕްލޭން ކުއްޖާގެ ކޭސްވޯކަރު، ކުއްޖާއާ ހަވާލުވާ އާއިލާއާ ހިއްސާކޮށްފައިވާކަމަށް އޮޑިޓުގައިވއެވެ.
ފޮސްޓާކޮށްފައިވާ ކުދިން މޮނިޓާ ކުރާނޭ ގޮތުގެ ޕްލޭނެއް ހަދާފައި ވީނަމަވެސް ފައިލުގައި އެއްވެސް ވަރަކަށް މޮނިޓާ ކުރިކަމުގެ ލިޔުމެއް ފެންނަންނެތުމުގެ އިތުރުން ބައެއް ކުދިންގެ ފައިލުތަކުގައި އެއްފަހަރު ނުވަތަ މަދު މަދުން ކުއްޖާގެ ހާލަތު ބަލާފައިވާކަން އެނގެން އޮތް ނަމަވެސް ޕްލޭނާ އެއްގޮތަށް މޮނިޓާ ކުރިކަމުގެ ލިޔުމެއް ފައިލްކޮށްފައިނުވާ ކަމަށް ރިޕޯޓްގައި ފާހަގަ ކުރެ އެވެ.
ފޮސްޓާކުރެވޭ ކުދިންނަކީ އެކި ކަހަލަ އަނިޔާތަކާއި ހިތްދަތިކަން ތަހައްމަލުކޮށްފައިވާ ކުދިންނަށް ވާއިރު އެ ކުދިންނަށް އާ
މާހައުލަކަށް ހޭނުމަށާއި އެ ކުދިންނާ ހަވާލުވާ ފަރާތްތަކަށް އިތުބާރުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އޮޑިޓު އޮފީހުން ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އެ ކުދިންނާ ހަވާލުވާ ފަރާތްތަކަށްވެސް އެކުދިންގެ ކަންތައްތައް ކޮށްދީ އަޅާލުމާއި ލޯބި ދިނުމަށް އެހީތެރިކަން ބޭނުންވާއިރު މިނިސްޓްރީގެ ދައުރު ފުރިހަމަގޮތުގައި އަދާކުރެވެމުން ނުދާނަމަ އެ ކުދިންނަށް ލިބުނު އަގުހުރި ފުރުސަތުގެ ބޭނުން ރަނގަޅަށް ނުހިފި އަނެއްކާވެސް ހިތްދަތި ދިރިއުޅުމަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް ބުންޏެވެ. އެގޮތުން އެ ކުދިން ހަވާލުވާ އާއިލާގެ ބެލުމުގެ ދަށުން އެ ކުދިން ނަގައި، އަނެއްކާވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންކަމުން ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ހޮވުމުގައި ޖެންޑާ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރުމަށާއި ޝަރުތުހަމަވާ ހުރިހާ ފަރާތްތަކުގެ އެސެސްމަންޓްތައް ހެދުމުގެ ކަންކަން އަވަސްވާނޭ ގޮތެއް ބަލައި، އެސެސްމަންޓުން ހޮވޭ ފަރާތްތަކާއި ކުދިން ހަވާލުކުރުމުގެ ކަންކަން އަވަސް ވާނޭ ގޮތްތަކެއް ކަނޑައެޅުމަށް އޮޑިޓުގައި ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން، ފޮސްޓަރިންއާ ބެހޭ ލިޔެކިޔުންތަކާއި ޝަރުތުހަމަވާކަމުގެ ލިޔެކިޔުންތަކާއި އެސެސްމަންޓްތަކާއި އެއްބަސްވުންތައް ފައިލުކުރުމުގެ ކަންކަން ހަރުދަނާ ކުރުމަށް، ފޮސްޓާ ކުރެވިފައިވާ ކުދިން މޮނިޓާކުރަމުންދާނެ ގޮތުގެ ޕްލޭނާއި އެއްގޮތަށް ކުދިން މޮނިޓާކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.