26 Nov 2011, 14:11
ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ދުނިޔެ އަށް ފޮނުއްވި އިރު އިންސާނުން އުޅެންވީ ގޮތް ވެސް ބާވައިލައްވާފައިވާ ކަމަށާއި އިސްލާމީ ޝަރީއަތުގައިވާ އެއްވެސް ހުކުމެއް ދޫކޮށް އެނޫން ގޮތެއް ބަލައިގަތުމުގެ ހައްގު އެއްވެސް މުސްލިމަކަށް ލިބިގެން ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލްމަޖީދު އަބުދުލް ބާރީ ވިދާޅުވެއްޖެ އެވެ.
މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި އިއްޔެ ދެއްވި ހުކުރު ހުތުބާގައި ޑރ. މަޖީދު ވިދާޅުވީ މިއަދު ގިނަ އިސްލާމީ މުޖުތަމައުތަކަށް ކުރިމަތިވެފައިވާ ހާލަތަކީ އިސްލާމީ ޝަރީއަތް ދޫކޮށް ވަޞައީ ގާނޫނުތަކަށް ތަބާވުމުގެ ނަތީޖާ ކަމަށެވެ.
" ... ޝަރީއަތުގައި އައިސްފައިވާ އެއްވެސް ހުކުމެއް ދޫކޮށްލައި، އެނޫން ގޮތެއް ބަލައިގަތުމުގެ ހައްގެއް އެއްވެސް މުސްލިމަކަށް ލިބިގެން ނުވާކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެ،" ޑރ. މަޖީދު ވިދާޅުވި އެވެ.
ޑރ. މަޖީދު ވިދާޅުވީ އިސްލާމީ ޝަރީއަތަކީ ޝަރުއުގައި އައިސްފައިވާ އެންމެހާ ކަންތައްތައް ކަމަށެވެ. އެގޮތުން އަގީދާ އާއި އަހުލާގާއި މުއާމަލާތާއި ޝަރުއީ އެކިއެކި ހުކުމްތައް ފަދަ ކަންތައްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކީރިތި ޤުރުއާނުން ހެކި ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ ހައްދު ޖެހުމަކީ "ހަތް އުޑުމަތިން ﷲ ބާވައިލައްވާފައިވާ ހުކުމެއް" ކަމަށެވެ. އަދި އެކަމަމާ މެދު ބަހުސް ކުރުމުގެ ޖާގައެއް ވެސް އަދި އެނޫން އެހެން ގޮތެއް ބަލައިގަތުމުގެ ހައްގެއް އެއްވެސް މުސްލިމަކަށް ލިބިގެން ނުވާ ކަމަށެވެ.
"ޝަރީއަތުގައި އައިސްފައިވާ ހައްދު ޖެހުމަކީ ހަތް އުޑުމަތިން ކީރިތިވަންތަ ﷲ ބާވައިލައްވާފައިވާ ހުކުމްތަކުގެ ތެރެއިން ހުކުމެއް. މިއާ މެދު ބަހުސްކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިނޫން ގޮތެއް ބަލައިގަތުމުގެ އެއްވެސް ހައްގެއް އެއްވެސް މުސްލިމަކަށް ނޯންނާނެ،" ޑރ. މަޖީދު ވިދާޅުވި އެވެ.
ދެވަނަ ހުތުބާގައި ޑރ. މަޖީދު ވިދާޅުވީ ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި އެހެން ވީމާ ދިވެހިން މީގެ 800 އަހަރު ކުރިން ފެށިގެން އުޅެމުން އަންނަ އިސްލާމްދީނުގެ އުސޫލުތައް ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ހައްގު ބައިނަލްއަގުވާމީ އެއްވެސް މުއައްސަސާއަކަށް ވެސް އަދި އެއްވެސް ގައުމަކަށް ވެސް ލިބިގެން ނުވާ ކަމަށެވެ.
ޑރ. މަޖީދުގެ ހުތުބާ އަމާޒު ކުރައްވާފައި ވަނީ މިހާރު ރާއްޖެ އައިސް އުޅޭ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ ، ހައްދު ޖެހުން ރާއްޖޭގައި ހުއްޓާލަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކަތަކަށް ރައްދު ދެއްވުމަށެވެ. ޕިއްލޭ ދެއްކި ވާހަކަތަކާ ގުޅިގެން އިއްޔެ އާއި ރޭ މާލޭގައި ވަނީ މުޒާހަރާތައް ކޮށްފަ އެވެ.