"އާޓް"ގެ ނަމުގައި ބުނެފައި ކޮންމެ ފަދަ އެއްޗެއްވެސް ވިއްކި ދާނެ އެވެ. އާންމުން ބުނާގޮތުގައި އެއްވެސް "އެއްޗަކަށް ނުވާ" އެއްޗެހި ވެސް ވަނީ އާޓް ޝޯތަކުގައި އެތަށް މިލިއަން ޑޮލަރަކަށް ވިކިގެން ގޮސްފަ އެވެ. މިފަހަރުވެސް އެފަދަ ވާހަކައެކެވެ. އެއީ ޑަކްޓް ޓޭޕް އަޅައި ހަރުކޮށްފައި ހުރި ދޮންކެޔޮވަކެއް 120،000 އެމެރިކާ ޑޮލަރަށް ވިއްކާލި ވާހަކަ އެވެ.

ފާރުގައި ޑަކްޓް ޓޭޕް ބޭނުންކޮށްގެން ހަރުކޮށްފައިވާ ދޮންކޭލަކީ، "ބައިނަލްއަގުވާމީ ވިޔަފާރި" ރަމްޒުކޮށްދިނުމަށް އުފައްދާފައިވާ އާޓްވޯކް އެކެވެ.

"ކޮމީޑިއަން"ގެ ނަމުން ނަން ދެވިފައިވާ އެ އާޓްވޯކް އުފައްދާފައިވަނީ އިޓަލިއަން އާޓިސްޓެއް ކަމަށްވާ މޯރީޒިއޯ ކެޓެލަން އެވެ.

ކެޓެލަން މަޝްހޫރުވެފައިވަނީ އެފަދަ "ކޮމިކް" އާޓް ވޯކް އުފެއްދުމަށެވެ. އެގޮތުން އޭނާ ބުނިގޮތުގައި އެ އާޓްވޯކް ހެދުމުގެ ހިޔާލު އުފެދިގެން ދިޔައީ ފިހާރައަކަށް ގޮސް އުޅެނިކޮށް ދޮންކެޔޮތަކެއް ފެނުމާއެކުގަ އެވެ.

އެ ގަނެފައިވަނީ ނިއު ޔޯކްގެ ޕާފޯމަންސް އާޓިސްޓެއް ކަމަށްވާ ޑޭވިޑް ޑެޓޫނާ އެވެ. އޭނާ ވަނީ އެ ދޮންކެޔޮ މާ ބޮޑަށް ފާވާން ހެދީމައި އެ ކާލާފަ އެވެ.

އާޓްވޯކް ގަތް ޑޭވިޑް ޑެޓޫނާ އެ ދޮންކެޔޮ ކާލަނީ --- ފޮޓޯ : އެމްއެސްއެން

އެކަމާ ގުޅިގެން ކެޓެލަން ބުނެފައިވަނީ އެ އާޓްވޯކްގައި ހިމެނޭ ދޮންކޭލަކީ ހަމައެކަނި ހިޔާލެއް ކަމަށެވެ. އަދި އެ ހިޔާލުގެ މައްޗަށް އިތުރު އެއްޗެހި ބޭނުންކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ކެޓެލަން ވަނީ މީގެކުރީންވެސް އެފަދަ އާޓްވޯކް އުފައްދާފަ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ 18 ކެރެޓުގެ ރަނުން އުފައްދާފައިވާ ފާހާނާ ތަށްޓެވެ. "އެމެރިކާ"ގެ ނަމުން ނަން ދީފައިވާ އެ ފާހާނާ ތަށްޓަކީ ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ. އަދި އާންމުން އެ ބޭނުންކުރުމަށް ކެޓެލަން ވަނީ ބާރުވެސް އަޅާފަ އެވެ. ނަމަވެސް އިންގްލެންޑުގައި ބޭއްވި މައުރަޒެއްގައި ބަޔަކު ވަނީ އެ ފާހާނަ ތަށި ވަގަށް ނަގާފަ އެވެ.