ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން ނުވަތަ ދަ ރޮކް، ކުރިއަށް އޮތް ތަނުގައި ބޮލީވުޑްގެ ފިލްމުން ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ މިއަދު ބުނެފި އެވެ.

ދާދި ދެންމެއަކު ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި ވާހަކަދަމުން ރޮކް ވަނީ ބޮލީވުޑަށް އޭނާ ހުރި ލޯބީގެ ވާހަކަ ދައްކާފައެވެ. އެގޮތުން މިހާރުވެސް އިންޑިއާގެ ބައެއް އެކްޓަރުންނާ ރަށްޓެހި ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

ހޮލީވުޑް ފިލްމު ކަމަށްވާ "ބޭވޮޗް"ގައި ބޮލީވުޑްގެ އެކްޓަރު ޕްރިޔަންކާ ޗޯޕްރާ އާއެކު ރޮކް ވަނީ މަސައްކަތް ކޮށްފައެވެ. އަދި ދެމީހުންނަކީވެސް އެކުވެރިން ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެއިތުރުން ބޮލީވުޑް އެކްޓަރު ވަރުން ދަވަން އާ ސޯޝަލް މީޑިއާތަކުން ފޮލޯ ކުރާ ކަމަށް ރޮކް ބުންޏެވެ.

"އަސްލު ވަރަށް އިހުތިރާމް ކުރާ އިންޑަސްޓްރީއެއް ބޮލީވުޑް އިންޑަސްޓްރީއަށް. އަދި އެ އިންޑަސްޓްރީގެ ތާރީހަށް،" އޭނާ ބުުންޏެވެ.

އޭނާ ބުނީ ބޮލީވުޑްގެ ފިލްމެއް ކުޅެން ވަރަށް މަޖާ ވާނެ ކަމަށާއި އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ވަރަށް އުފާ ވާނެ ކަމަށެވެ.