ލާދިނީ ފިކުރުތައް ދިވެހިންގެ ތެރޭގައި މިސަރުކާރުން ފަތުރައި ބުދު ބަހައްޓާފައި ވާތީ އެކަމާ ދެކޮޅަށް މަދަނީ ޖަމްއިއްޔާތަކުން އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ "ބޮޑުމުޒާހަރާގައި" ޕީޕީއެމްގެ ފަރާތުން ރަސްމީކޮށް ބައިވެރިވުމަށް ނިންމައިފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި މުޒާހަރާ ކޮމިޓީގެ ވެސް މެންބަރު އަހުމަދު ސިއްދީގު މިއަދު ވިދާޅުވީ މަދަނީ އިއްތިހާދުގެ ފަރާތުން ކުރާ މުޒާހަރަގައި ޕީޕީއެމްގެ މެމްބަރުންނާއި އެ ޕާޓީ އަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެ ޕާޓީން ނިންމާފައި ވުމުން އެކަމުގައި އެޕާޓީގެ ހުރިހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން މުޒާހަރާގައި ބައިވެރިވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"މުޒާހަރައަކީ ރާއްޖޭގައި ޣައިރު ދީން ފެތުރުމާއި ދެކޮޅަށް ބާއްވާ މުޒާހަރާއެއް. އެ މުޒާހަރާގައި ހުރިހާ ފަރަތްތަކުން ވެސް ޕީޕއެމްގެ މެންބަރުންނާއި އަދި ޕީޕީއެމަށް ސަޕޯޓްކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ސިއްދީގު ވިދާޅުވި އެވެ.

ލާދިނީ ކަންތައްތައް ހިންގުމަށް ރައީސުލްޖުމުހުރިއްޔާ ކުރަށްވަމުންގެންދަވާ ކަންތައްތަކުގައި އެމަނިކުފާނު ޒިންމާ ނަންގަވައި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ސިއްދީގު ވިދާޅުވި އެވެ. އަދި ރައީސް ޒިންމާނެންގެވި ކަމަށް ބެއްލެވޭނީ ރައީސްކަމުގެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންކަމަށް ވެސް އެނާ ވިދާޅުވި އެވެ.

މީގެއިތުރަށް އެޕާޓީގެ ވަގުތީ ސްޕޯކްސް ޕާސަން ދުންޔާ މައުމޫން މިއަދު ވިދާޅުވީ އެ ޕާޓީގެ ފަރާތުން ރާއްޖޭގެ އުތުރަށާއި ދެކުނަށް މިހާރު ކުރަމުންދާ ދަތުރުތަކަކީ ވަރަށް ކާމިޔާބު ދަތުރުތަކެއްކަމަށާއި އެގޮތުން ޕިޕީއެމްގެ ޕާލިމެންޓް ގުރޫޕްގެ ލީޑަރު އަބުދުﷲ ޔާމިން ހިމެނޭ ވަފުދެއް ފުވައްމުލަކުގައި ރޭ ވަނީ ވަރަށް ކާމިޔާބް ޖަލްސާއެއް ބާއްވާފައި ކަމަށެވެ. އަދި އެޕާޓީގެ ނައިބް ރައީސް އުމަރު ނަސީރު އުތުރުގެ ބައެއް އަތޮޅުތކުގެ ތެރެއިން ށ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގައި ޕާޓީގެ ހަރަކާތްތަކެއް ހިންގާފައިކަމުގައި ދުންޔާ ވިދާޅުވި އެވެ.

އެދަތުރުތަކުގެ އިތުރަށް މާލޭގައި މެންބަރުން އިތުރުކުރުމަށް ކުރިއަށް ގެންދާ "މެޖެންޓާ ހަފުތާގެ" ހަރާކަތްތަކުން ވެސް އެ ޕާޓީ އަށް މެންބަރުން އިތުރު ވެފައިވާ ކަމަށާއި މި މަހުގެ 30ގެ ކުރިން އިތުރު ފޯމްތައް އިލެކްޝަނަށް ހުށައެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން ބުނީ މިއަހަރު ނިމުމުގެ ކުރިން އެ ޕާޓީގެ ފަރާތުން މެންބަރުންގެ އަދަދު 20000 އަށް އަރުވާނެކަމަށެވެ.