ގެވެށިއަނިޔާ އާއި މަސްތުވާތަކެއްޗާއި ޖިންސީ ގޯނާކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕެއް އައްޑޫ ސިޓީގައި ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫ އާއި ފޭދޫ އާއި މަރަދޫފޭދޫގައި މިއަދު ފެށި މިވޯކްޝޮޕް ދެން ކުރިއަށް ގެންދާނީ ހިތަދޫ އާއި ހުޅުދޫ މީދޫގައި ކަމަށެވެ. މިވޯކްޝޯފްގެ މައިގަނޑު ބޭނުމަކީ ގެވެށި އަނިޔާ އާއި ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެއްޗާ ބެހޭ ގޮތުން ނަފްސާނީ އަދި ދީނީ ގޮތުން ހައްލު ހޯދާނެ ގޮތާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި ހިނގާ ނަހަމަ ކަންތައްތައް ވީހާ ވެސް މަދުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތައް ކުރިއަށް ގެންދިއުން،" މުހައްމަދު ދީދީ ވިދާޅުވި އެވެ.
މިވޯކްޝޯޕްގައި ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން މައުލޫމާތު ދެއްވާނީ ޑރ. އައިޝަތު އަލީ ނާޒު އެވެ. އަދި ދީނީ ގޮތުން މިވޯކްޝޮޕްގައި މައުލޫމާތު ދެއްވާނީ ކީރިތު ގުރުއާނާ ބެހޭ މަރުކަރުކަޒުގެ މުދީރު އައްޝައިހު އަބްދުލްއަޒީޒު ހުސެއިން އަދި ކުއްލިއްޔާގެ ލެކްޗަރާއެއް ކަމުގައިވާ އަނާރާ ނައީމެވެ.