07 Dec 2019, 15:03
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި މެންބަރުން ކުރެއްވި މަސައްކަތަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ވޯޓު ގަޑީގައި ވޯޓަށް އެހުމުގެ ކުރިން ރައީސް ނަޝީދު ވަނީ މެންބަރުންގެ މަސައްކަތުގެ ބައެއް ތަފާސް ހިސާބުތައް ވިދާޅުވެ ދެއްވައިފައެވެ. އެގޮތުން މި ނިމިގެންދިޔަ ދައުރަކީ 63 ދުވަހުގެ "ކުޑަ ދައުރެއް" ކަމަށާއި އޭގެ ކުރީ ދައުރުަކީ 94 ދުވަހުގެ ދައުރެއް ނަމަވެސް މިދިޔަ ދައުރަށްވުރެ މި ނިމުނު ދައުރުގެ މަސައްކަތް ރަނގަޅު ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
މި ދައުރު ފެށުނުއިރު ކުރީ ދައުރުން 16 ބިލެއްގެ މަސައްކަތް އޮތް ކަމަށާއި މި ދައުރުގައި 23 ބިލެއް މަޖިލީހަށް ހުށަހެޅުނު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ދެ ދައުރުން ހުށަހެޅުނު ބިލުތަކުގެ ތެރެއިން މި ދައުރުގައި 11 ބިލެއްގެ މަސައްކަތް ނިމުނު ކަމަށާއި ނުނިމޭ 28 ބިލެއް އެބައޮތްކަން ފާހަގަ ކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދު އެކަނިވެސް 10 ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައިވާ ކަމަށެވެ. އަދި އެ ބިލުތައް މި ދައުރުގެ މަސައްކަތުގެ ތެރޭގައި ހިމެނުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ފަހު ދައުރަށް 12 ގަރާރެއް ހުށަހެޅުނު ކަމަށާއި މިދިޔަ ދައުރުން މިދައުރަށް ފަސް ގަރާރެއްގެ މަސައްކަތް އައިސްފައިވާކަން ފާހަގަ ކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުން ނިންމީ ދެ ގަރާރެއްގެ މަސަސައްކަތް ކަމަށެވެ. 15 ގަރާރެއްގެ މަސައްކަތް ނުނިމިވަކަން މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން މަޖިލީހަށް 16 މައްސަލައެއް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ނުނިމި ވަނީ އެއް މައްސަލަކަން ފާހަގަ ކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގ ރިޔާސަތުން ހުށަގެޅި އެއްވެސް މައްސަލައެއް ނިމިފައި ނުވާ ކަމަށެވެ.
"ރިޔާސަތުން ހުށަހެޅި މައްސަލަ، ހަމަ އެއް މައްސަލައެއްވެސް ނިންމަވާފައެއް ނުވޭ. ރިޔާސަތުން ކުރީ ދައުރުން ހަ މައްސަލައެއް، މި ދައުރުގައި 17 މައްސަލައެއް ޖުމްލަ 23 މައްސަލަ އެއް ރިޔާސަތުން ހުށަހެޅުނު. ތިޔަ އިއްޒަތްތެރި މެންބަރުން މީގެ ތެރެއިން އަޅާލެއްވީ 17 މައްސަލައަށް އަދި ނުނިމި އެބައޮތް ހަ މައްސަލަ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޗުއްޓީގެ ދުވަސްތަކުގައި ކޮމެޓީގެ މަސައްކަތްތައް ހިންގަވައިގެން މި ހަ މައްސަލަ ނިންމަވައިދެއްވުން،" ރިޔާސަތުން ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރުން ހުށަހެޅުއްވި ހަތް މައްސަލައިގެ ތެރެއިން އެއްވެސް މައްސަލައެއް ނުނިމޭކަންވެސް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރުންނާ ސުވާލުކުރުމަށް މިދިޔަ ދައުރާއެކު ޖުމްލަ 24 ފަހަރު ހުށަހެޅިފައިވާއިރު، ނުނިމި 12 ސުވާލެއް އެބައޮތް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ބާކީ 12 ސުވާލުގެ މަސައްކަތް ނިމިފައިވާކަން ފާހަގަ ކުރައްވާ މަޖިލީހުގެ ރިޔާސަތުންވިދާޅުވި 53.3 ޕަސެންތުގެ މަސައްކަތް މަޖިލީހުގެ މި ދައުރުގައި ނިންމާފައިވާ ކަމަށެވެ.
މި ދައުރުގައި 33 ޖަލްސާ ބޭއްވި އިރު 128 ގަޑިއިރާއި 37 މިނެޓު ޖަލްސާތަކުގައި ހޭދަކުރެވުނު ކަމަށާއި މެންބަރުން ޖަލްސާތަކަށް ހާޒިރުވި އިންސައްތަ އަކީ 92 ޕަސެންޓު ކަމަށް ރިޔާސަތުން ވިދާޅުވިއެވެ.
ކޮމެޓީތަކުގެ މަސައްކަތްތަކަށް ބަލާއިރު މި ދައުރުގައި 395 ކޮމެޓީ ބައްދަލުވުން ބޭއްވި އިރު އެ ބައްދަލުވުންތަކަށް 441 ގަޑިއިރާއި 20 މިނެޓު ވަނީ ހޭދަކުރެވިފައެވެ.
"569 ގަޑިއިރު ގެ މަޖިލިސް މަސައްކަތް އަޅުގަނޑުމެން މިކުރީ. ކޮންމެ ދުވަހަކު އަށް ގަޑިއިރު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ އިއްޒަތްރެރި މެންބަރުނ.ް އަޅުގަނޑަށް ލަފާ ކުރެވޭގޮތުގައި މުސާރަ ހަލާލު،" ރައީސް ނަޝީދު ވިދާޅުވިއެވެ.