07 Dec 2019, 14:15
އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ މީހަކު އައްޔަން ކުރަން މަޖިލީހުގައި މިއަދު ވޯޓު ނެގި ނަމަވެސް އެއްވެސް ފަރާތަކަށް ރުހުން ދޭން މަޖިލީހުގެ ތަޅުމުން ފާހެއް ނުވި އެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް މި ހުޅުވާލީ އާންމުގެތެރެއިން ކަނޑައަޅާފައިވާ އަބްދުލް ހަންނާން އަހްމަދުގެ ދައުރު ހަމަވާތީ އެވެ. މީގެ ކުރިން ވެސް އެ ގޮނޑިއަށް މީހަކު އައްޔަން ކުރަން ނަންތަކެއް ކޮމިޓީއަށް ފޮނުވި ނަމަވެސް، ކޮމިޓީ މަރުހަލާގައި އެ ނަންތަކަށް ތާއީދު ލިބިފައެއް ނުވާތީ އަލުން އިއުލާން ކުރީ އެވެ.
އާންމުންގެ ފަރާތުން ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވީ، ހަ ބޭފުޅުންނެވެ. ނަމަވެސް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ޝަރުތު ފުރިހަމާވާ ކަމަށް ފަސް ބޭފުޅުން ނިންމި އެވެ. އަދި އޭގެ ތެރެއިން ރުހުން ދިނުމަށް ކޮމިޓީން ނިންމާފައިވަނީ، ދެ ބޭފުޅަކަށެވެ. އެއީ ވ. ރޯޝަން، ހުސައިން އަމްރު އާއި ދަފްތަރު ނަންބަރު: 5295، އަހްމަދު ސާވީއަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެބޭފުޅުންގެ ނަމަށް ވޯޓަށް އެހުމުން ދެ ބޭފުޅުންނަށްވެސް ރުހުން ނުދޭން މަޖިލީހުން ފާސް ކުރިއެވެ.
އަމްރުއަށް ރުހުން ނުދޭން 60 ބޭފުޅުން ވޯޓު ދެއްވިއިރު، އެއް މެމްބަރަކު އެނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވިއެވެ. އަދި ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.
ސާވީއަށް ރުހުން ނުދިނުމަށް ވޯޓު ދެއްވީ، 62 މެމްބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ، އެއް މެމްބަރެކެވެ.
ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަންގައި ހުރެވޭނީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ. އަދި އެ ދައުރު ހަމަވުމުން އެ މީހަކު އަލުން ކޮމިޝަނަށް އައްޔަން ނުކުރެވޭނެ އެވެ.