07 Dec 2019, 12:29
މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް، ހުސްނުއް ސުއޫދަކީ ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށްފަހު، ސިޔާސީ ގޮތުން ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ބޭފުޅާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފަޔާއެކު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ސުއޫދުގެ ނަން މަޖިލީހަށް ފޮނުއްވާފަ އެވެ. ޖޭއެސްސީގެ ނިންމުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތާއީދުކޮށް މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީ ރިޕޯޓު ހުށަހަޅާފަ އެވެ.
އެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ސުއޫދަކީ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ ސިޔާސީ ބޭފުޅެއް ކަމަށެވެ. ސުއޫދު ފަދަ ސިޔާސީ ބޭފުޅެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަން ފޮނުއްވީތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގައި ހަމަ މިފެންވަރުގެ އެތައް ބައިވަރު ބޭފުޅުން ތިއްބެވި އިރު، ކީއްވެގެންތޯ ސުއޫދު އިހްތިޔާރު ކުރެވުނީ. ރާއްޖޭގައި އެބަ ތިއްބެވި މި ފެންވަރުގެ ރަނގަޅު ބޭފުޅުން. އަޅުގަނޑު ދަންނަވާނީ، ރައީސް ނަޝީދު ފިޔަވާ ދެން ރާއްޖޭގައި ސިޔާސީ ވަރުގަދަ އެއްބޭފުޅެކޭ ސުއޫދަކީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ސުއޫދަކީ މޮޅު ތަޖުރިބާ ހުރި ބޭފުޅެކެވެ. ނަމަވެސް ފަނޑިޔާރު ކަމަށް ސިޔާސީ ބޭފުޅަކު އައްޔަން ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސުއޫދު ރައީސްކަން ކުރައްވާ މަރު ކޮމިޝަނުން އަންނަނީ، ރ. މީދޫ، ފެންފިޔާޒުގޭ އަހްމަދު އަނަސްގެ މަރުގެ މައްސަލަ ބަލަމުންނެވެ. އެކަމާ ގުޅިގެން ޝަރީފު ވިދާޅުވީ، މަރު ކޮމިޝަނުން މިހާތަނަށް އަނަސްގެ ތަހުގީގަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބިވުމަކީވެސް އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވި ގޮތުގައި، މިއަދު ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަން ޖެހިފައި އޮތް އެންމެ މުހިންމު ކަމަކީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ކަމަށެވެ. އެގޮތުން މަޖިލިސްގެ ރައީސްގެ ހައްސިއްތުން އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި އިންނެވި، ރައިސް މުހައްމަދު ނަޝީދު އެ މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް އޭނާ އެދިވަޑައިގެނެންނެވެ.
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށާއި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މިޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.