26 Nov 2011, 12:51
ރާއްޖޭގެ މިނިވަން ކަމާއި އަމިއްލަވަންތަކަމާއި ދީނާއި އިސްތިގުލާލާއި އިގްތިސާދާއި ފުދުންތެރިކަން ސަރުކާރުން ގެއްލުވާލާފައިވާ ކަމަށާއި ދިވެހިރާއްޖެ މިއޮތީ ވިކިފައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ކައުންސިލްގެ މެދު ދާއިރާގެ ބައިލެކްޝަން ޕީޕީއެމްގެ އަމިއްލަ މެންބަރު އަބްދުﷲ މުހައްދު ކާމިޔާބު ކުރުމާ ގުޅިގެން ފުވައްމުލަކު ހާފިޒު އަޙުމަދު ސްކޫލްގައި ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޔާމިން ވިދާޅުވީ ދިވެހި ގައުމު މިއޮތީ ވިކިފައި ކަމަށާއި އިގްތިސާދު ހަރުދަނާ ކުރުމުގެ ނަމުގައި ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ސިޔާސީ މީހުންނަށް މުސާރަ ދެމުންދާ ކަމަށެވެ.
ޔާމިން ވިދާޅުވީ ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖެ ދިވެހިންނަށް އަނބުރާ ހޯއްދަވައި ދެއްވާނޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތާރީހުގައި ދިވެހިން ދުށް އިންސާފަށް ހުރަސްއަޅާ ހަމައެކަނި ސަރުކާރަކީ މިސަރުކާރު ކަމުގައި އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ ނަމުގައި ލާމަރުކަޒީކޮށް އިންތިޚާބުކުރެވުނު ކައުންސިލްތައް ސަރުކާރުން އަޅުވެތިކޮށްފައިވާ ކަމަށް އިޝާރާތް ކުރައްވާ ޔާމިން ވިދާޅުވީ ދިވެހި ސިފައިނާއި ފުޅުހުންގެ އިއްޒަތާއި ގަދަރު މިސަރުކާރުން ނަގާލާފައިވާ ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ދިވެހިންގެ އަގީދާ ފަސާދަކޮށް ދީން ފިތުނަވެރިކުރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ދިވެހިންގެ ދީން ފަސާދަކޮށްލަން ދިވެހިންނަށް ލޯއަޅަމުން އައި މީހުންގެ އެޖެންޓެއް ކަމަށާއި ދިވެހިން ޣާފިލުކަން މަތީ ބައިތިއްބައިގެން މަޑުމަޑުން އެމީހުންގެ އެޖެންޑާ ކާމިޔާބުކުރަމުންދާ ކަމަށް ނިހާން ވިދާޅުވި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ ކައުންސިލް ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރުމާ ގުޅިގެން އެކަމުގެ މައްޗަށް އިޝާރާތް ކުރައްވާ ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒު ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާ އިން ލިބިގެންދިޔަ ކާމިޔާބީއަކީ ޕީޕީއެމްގެ މުސްތަގުބަލުގެ ތަސްވީރު ވަރަށް ރީއްޗަށް ސިފަކޮށްދިން ނަތީޖާއެއް ކަމަށެވެ. ސަރުކާރާއި ދެކޮޅަށް އެ ސަރަހައްދުގެ ރައްޔިތުން ނެރުނު ނަތީޖާއަކީ އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރު ދައްކައިދިން ނަތީޖާއެއް ކަމަށް މުޖުތާޒު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ފުވައްމުލަކުގައި ތިބި ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުން ބައިވެރިވި އެވެ.
މަސްދަރު: ސަންގެ ޕާޓްނާޝިޕް އޮންލައިން ނޫސް، "ކައްޓެޅި"