14:30


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ބުނެ އެ އިންތިހާބަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.


މިކަމާ ބެހޭ މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް ވިދާޅުވީ، އެމްޑީޕީ ޓީކެޓްގައި އިންތިހާބަށް ކުރިމަތިލާން އެދޭ މީހުންގެ ކިބައިގައި ގާނޫނީ ގޮތުން ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން، އެ ޕާޓީން ކަނޑައަޅާ ވަކި ޝަރުތުތަކެއް ހުންނަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ނުވަތަ އެހެނިހެން ވެސް އަނިޔާއެއް ދީފައިވާ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، ވައްކަމާއި ކޮރަޕްޝަންގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނޭ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ކުރިމަތިލި ކެނޑިޑޭޓުން ނެގުމަށް ބޭއްވި ޕްރައިމަރީމް ފެއިލްވި ނަމަވެސް ކެނޑިޑޭޓަށް ތާއީދުކޮށްދިނުމަށް ސޮއިކުރި އިގްރާރާ ހިލާފްވެފައި ނުވުމުގެ އިތުރުން، އެމީހަކު ކުރިމަތިލާ ދާއިރާއެއްގެ ވޯޓުލާ މީހުންގެ ދިހަ ޕަސެންޓް މީހުންގެ ސޮއި ހުށަހަޅަންޖެހޭ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.


ޝާހް އަދި ވިދާޅުވީ، އެމްޑީޕީގެ ވިސްނުން އަދި އޮތީ ހުރިހާ ދާއިރާއަކަށް އެ ޕާޓީގެ މެންބަރުން ކުރިމަތިލާ ގޮތަށް ކަމަށެވެ. ނަމަވެސް އެމްޑީޕީއާއެކު އިއްތިހާދުވެފައިވާ ފަރާތްތަކަށް އެކަމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ކުރިމަތިލާ ދާއިރާއަކުން އެކަކަށްވުރެ ގިނަ މީހުން ހިމެނޭނަމަ އެ ދާއިރާއެއްގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝާހު ވިދާލުވި އެވެ.