07 Dec 2019, 11:30
ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް ހަތަރެއްގައި ބާއްވަން ނިންމާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރަމުންދަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ގެނައި އިސްލާހާއެކު މާލޭސިޓީ 18 ދާއިރާ އަށް ބެހުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ އިން މޭޔަރާއެކު 19 ގޮނޑި އަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހިމެނޭނީ 18 ގޮނޑި އެވެ. އައްޑޫ ސިޓީ ކައުންސިލްގައި މޭޔަރާއެކު 13 ގޮނޑި ހިމެނޭއިރު އެ ސިޓީގެ އަންހެނުން ކޮމެޓީ އަށް 10 މެންބަރުން އިންތިހާބު ކުރާނެ އެވެ.
އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް މޭޔަރާއެކު ހަތް މެންބަރުން އިންތިހާބު ކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގައި ތިބޭނީ ހަ މެންބަރުންނެވެ.
ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނެ އެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ވާނީ ހަތަރު ގޮނޑި އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ތިން ގޮނޑި ހާއްސަ ވާނެ އެވެ.
ގާނޫނަށް ގެނައި އިސްލާހާއެކު އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުން އިންތިހާބުކުރާނީ ފަސް ކައުންސިލަރުންނެވެ. އެގެ ތެރެއިން ދެ ގޮނޑި އަންހެނުންނަށް ހާއްސަ ވާނެ އެވެ.
އަދި އާބާދީގައި 3000 މީހުންނަށްވުރެ ގިނަ ވާނަމަ އެރަށަކަށް ހަތް ކައުންސިލަރުން އިންތިހާބުކުރާނެ އެވެ. އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލްތަކަށް ވަނީ މާލީ ބާރުވެކަމާއި ބިމާއި ފަޅު ފަދަތަންތަނުގެ މިލްކުވެރިކަން ވެސް ދީފަ އެވެ.