ބޮޑެތި ނިންމުންތަކާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާއަށް ތާވަލު ކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން މިހާރު އާންމުކޮށްފައިވާ ތާވަލުގައި ބޮޑެތި ކަންތަތަކެއް ނިންމުމަށާއި ގިނަ ބިލުތަކެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ހިމަނާފައެވެ.

މާދަމާގެ ޖަލްސާގައި ފަސް ވޯޓެއް ނެގުމަށް ވަނީ ތާވަލު ކުރެވިފަ އެވެ.

އެންމެ ބޮޑު ވޯޓަކަށް އޮތީ، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުުރުމަށި، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާންއާއި ފަނޑިޔާރުކަމަށް ނަން ފޮނުއްވެވި، މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު، އަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށެވެ. އެ ދެބޭފުޅުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިމިދިޔަ ހަފްތާގައި ވަނީ ނިންމާފައެވެ.

ދެން ބޮޑު ވޯޓެއްގެ ގޮތުގައި ޖަލްސާގެ ތާވަލްގައި ހިމެނެނީ، ހުސްވެފައިވާ ޕްރޮސެކުއުޓާ ޖެނެރަލް (ޕީޖީ)އަކަށް ރައީސް ސޯލިހް ނަން ފޮނުއްވެވި، ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމު އަށް ރުހުން ދިނުމެވެ. އޭނާ އަށް ވެސް ރުހުން ދިނުމަށް ޖުޑީޝަރީ ކޮމިޓީން

އޭގެ އިތުރުން ދެން ވޯޓަށް އެހުމަށް ތާވަލު ކޮށްފައިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަނަށް އާންމުންގެ ފަރާތުން ކަނޑައަޅާ މެމްބަރު އައްޔަނު ކުރުމަށް ވޯޓަށް އެހުމެވެ. ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލީ ހަ ބޭފުޅުންގެ ތެރެއިން ޝަރުތު ފުރިހަމަ ވަނީ ފަސް ބޭފުޅުންނެވެ. އޭގެ ތެރެއިން ރުހުން ދިނުމަށް ނިންމާފައިވަނީ، ދެ ބޭފުޅަކަށެވެ. އެއީ ވ. ރޯޝަން، ހުސައިން އަމްރު އާއި ދަފްތަރު ނަންބަރު: 5295، އަހްމަދު ސާވީއަށެވެ.

ދައުލަތުގެ އެކި ފަރާތްތަކާއެެކުވާ އެއްބަސްވުންތަކުގެ ދަށުން އަދާ ކުރަންޖެހޭ މާލީ އިލްތިޒާމުތަކާ މެދު ގެންގުޅޭ އުސޫލުތައް މުރާޖާކޮށް، ދައުލަތަށް ބުރަނުވޭނޭ އުސޫލެއް ގާއިމުކުރުމަށް ގޮވާލާ ހުށަހަޅި ގަރާރު، މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓަށް ވޯޓަށް އެހުމަށް ވެސް ވަނީ ތާވަލް ކޮށްފައެވެ. އެ ރިޕޯޓުގައި ހަ ކަމެއް ކުރުމަށް ވަނީ ލަފާއަރުވާފަ އެވެ.

އެންމެ ބޮޑު ކަމެއް ގޮތުގައި ހިމެނެނީ ބަދަލު ދިނުމާ ބެހޭ ގާނޫނުތައް ވީހާވެސް އަވަހަށް އެކުލަވާލަން ލަފާ ދިނުމާއި ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ލަފާ ދިނުމެވެ. އެގޮތުން ދައުލަތުން ކުންފުނިތަކާއެކު ވާ އެއްބަސްވުމުގައި ބަދަލު ނެގޭނެ އެންމެ ބޮޑު އަދަދު މާލިއްޔަތު ގާނޫގައި ހިމަނައި، އެ ގާނޫނު އިސްލާހު ކުރުމަށާއި ކޮންޓްރެކްޓް ގާނޫނަށް ބަދަލު ނެގޭނެ އުސޫލުތައް ހިމަނައި، އެގާނޫނު އިސްލާހު ކުރުމަށާއި އަދި މަދަނީ އިޖުރާތުގެ ބިލެއް އެކުލަވާލުމަށް ދައުލަތަށް ލަފާދޭން ވަނީ ނިންމާފަ އެވެ.

ޖުމްލަ 10 ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ތާވަލު ކުރެވިފައި؛

މާދަމާ ޖަލްސާގައި އަލަށް ހުށަހަޅާ ނުވަ ބިލަކާއި އޭގެ އިތުރުން ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.

ފުރަތަމަ ކިޔުން އިއްވުމަށް ތާވަލް ކުރި 10 ބިލު:

  1. މަދަނީ އިޖުރާއަތުގެ ބިލު

  2. ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ބިލު
  3. ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމު ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  4. ތައުލީމުގެ ބިލު
  5. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލު
  6. ދިވެހި ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލު
  7. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލު
  8. އެއްމެދު އިމާރާތުގެ ބިލު
  9. ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު
  10. ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލު

ނަވާރަ ވަނަ މަޖިލީހުގެ ދެވަނަ ދައުރު މާދަމަ ނިމޭއިރު، މި ދައުރުގައި އެންމެ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓް ފާސްކުރުމާއި، ލާމަރުކަޒީ ގާނޫނަަށް އިސްލާހު ގެނައުމާއި، ކުޑަކުދިންގެ އަދުލުގެ ބިލާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލު އަދި އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ހިމެނެއެވެ.