ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ރާއްޖޭގެ އިރު އުތުރުން ގާތްގަނޑަކަށް 300 މޭލެ ދުރުމިނުގައި މިއަދު ވަނީ ކޮޅިގަނޑެއް އުފެދިފައި ކަމަށާއި ލަފާކުރެވޭ ގޮތުގައި މިކޮޅިގަނޑު އިތުރަށް ބާރުގަދަވެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކޮޅިގަނޑުގެ އަސަރު ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަކަށާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރަމުންދާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މިވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ އިން އިލްތިމާސްކުރެ އެވެ.