ޗައިނާ ބަދުނާމުވާގޮތަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ނުދައްކަވާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާ އިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކުގެ ސްޓްރަކްޗާ ބަދަލު ކުރަން އެދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވާތީ އެކަން ދޮގުކޮށް ފޮރިން މިނިސްޓްރީ އިން މިރޭ ވަނީ ޓްވީޓެއް ކޮށްފައެވެ.

މިނިސްޓްރީ އިން ބުނީ ކުރީ ސަރުކާރުން ޒިންމާދާރުކަން ކުޑަކޮށް ނަގާފައިވާ ލޯނުތަކުގެ ވާހަކަ މިނިސްޓަރުގެ އިންޓަވިއުގައި ވިދާޅުވި ކަމަށާއި ނަމަވެސް ޗައިނާ އިން ނަގާފައިވާ ލޯނުތައް "ރީސްޓްރަކްޗާ" ކުރަން އެދޭނެ ވާހަކަ މިނިސްޓަރު ވިދާޅުނުވާ ކަމަށް ފޮރިން މިނިސްރީއިން ބުންޏެވެ.

"މިނިސްޓަރުގެ އިންޓަވިއުގައި ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮންނަ ގުޅުމުގެ ބަދަހިކަން ފާހަގަ ކުރެއްވި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާ ގުޅިގެން އިތުރަށް މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް މިނިސްޓަރު ވާހަކަ ދެއްކެވި،" މިނިސްޓްރީ އިން ބުންޏެވެ.

އޭޕީ އިން ރިޕޯޓުކޮށްފައިވާގޮތުގައި ޗައިނާ އިން ނަގާފައިވާ ލޯނުތައް ރީ ސްޓްރަކްޗާ ކުރުމަށް ސަރުކާރުން ދަނީ ޗައިނާ ސަރުކާރާއެކު ވާހަކަ ދައްކަމުންނެވެ. ޗައިނާ އިން ނަގާފައިވަނީ "ބޭނުމެއް ނެތް" ލޯނުތަކެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިކަމަށްވެސް އޭޕީ އިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންޖް ލިޖޮންގް ވިދާޅުވީ އޭޕީގައި ޝާއިއުކޮށްފައިވާ އިންޓަވިއު އާއި ގުޅިގެން މިނިސްޓަރު ޝާހިދު އާ ވާހަކަ ދެއްކެވި ކަމަށާއި، ޗައިނާ އިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް ސަރުކާރުން ބޭނުންވާކަމަށް ވިދަޅުނުވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދޭ އެހީ ސަރުކާރުން ބަލައިގަންނަކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި. ޗައިނާ އާއެކު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން ބޭނުންވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި،" ޗައިނާ ސަފީރުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުންދޭނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ޝާހިދު ދެއްވިކަމަށެވެ.