މަސްވެރިންގެ ދުވަހާ ގުޅިގެން ފިޝަރީޒް މިނިސްޓްރީ އިން އިންތިޒާމުކުރާ ފިޝަރީޒް އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

މިއަދުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިއަށްގެންދާ މި އެކްސްޕޯ އަކީ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް އަދި ޓެކްނޮލަޖީތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ އެކްސްޕޯއެކެވެ.

މީގެ އިތުރުން ދިވެހި ކުންފުނިތަކުން އުފައްދާ މަހުގެ ބާވަތްތައް ދައްކާލުމަކީވެސް މި އެކްސްޕޯގެ މަގުސަދެއްކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރު ފާހަގަކުރަނީ 39 ވަނަ މަސްވެރިންގެ ދުވަހެެވެ. މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޒުވާނުންނަށް ހާއްސަކޮށްގެން ދޮށީގެ މަސްވެރިކަން ތަޖުރިބާ ކުރުމުގެ ދަތުރެއް މިއަދު ވަނީ ފަށައިފައެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފިޝަރީޒް އެކްސްޕޯ ބާއްވާ މިއީ ތިން ވަނަ އަހަރެވެ. މިއަހަރުގެ އެކްސްޕޯގައި 14 ފަރާތަކުން ބައިވެރިވާއިރު ބޭރުގެ އެއްފަރާތެއް ހިމެނެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިންގެ ފޯރަމެއް މިމަހުގެ އަށެއް އަދި ނުވަ ވަނަ ދުވަހު ބާއްވާނެއެވެ. މީގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްކެނޑުމުގެ މުބާރާތެއް މިމަހުގެ ނުވަ ވަނަ ދުވަހު ބާއްވާނެއެވެ.