ސިވިލްސާވިސް ކޮމިޝަންގެ މަސައްކަތު މީހެއްގެ ވަޒީފާގައި ހުރެ، އޮފީހުގައި ބޭނުން ކުރުމަށް ސަރުކާރުގެ ބަޖެޓުން ގަނެފައިވާ ކޮފީއާއި ފާހާނާ ސާފު ކުރަން ގެންގުޅޭ ކުލީން ކުލީން އާއި މޮޕް އަޅަން ގެންގުޅޭ ސޯކްލިން ގެއަށް ގެންދިޔަ މީހަކު ހަ މަސް ދުވަހަށް އަރުވާލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނަނީ، ދ. ހުޅުދެލި، ހަވީރުގޭ ހަސީނާ މުހައްމަދު ސިވިލް ސާވިސް ކޮމިޝަންގެ އެއްޗަކަށް ޚިޔާނާތްތެރިވިކަން ސާބިތުވެ ހަ މަސް ދުވަހަށް އަރުވާލުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމަކީ ސައްޚަ ހުކުމެއް ކަމަށެވެ.

ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ ކުރީގެ ޖިނާއީ ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހަސީނާ އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ ހަސީނާ ސިވިލް ސާވިސް ކޮމިޝަންގެ ބަދިގެ ތެރޭގައި ހުރި ކޮފީ ފުޅިއަކުން ކުޑަދަޅަކަށް ކޮފީ އަޅައިގެން ގެޔަށް ގެންދިޔަ ކަމަށާއި އަދި ފާޚާނާ ސާފްކުރުމަށް ގެންގުޅޭ "ކްލީން ކްލީން" އާއި މޮޕްއަޅަން ގެންގުޅޭ ސޯކުލިން ފުޅިތަކުން އެހެން ފުޅިތަކަކަށް އެތަކެތި އަޅައިގެން ގެ އަށް ގެންދިޔަ ކަން ޖިނާއީ ކޯޓުގައި ހެކިބަސް ދިން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

ކޮމިޝަންގައި ބޭނުން ކުރާ ކޮފީ ފުޅިން ކުޑަ ފުޅިއަކަށް ކޮފީ އަޅައިގެންނާއި އަދި ފާޚާނާ ސާފްކުރަން ގެންގުޅޭ ކްލީން ކްލީން އާއި މޮޕް އަޅަން ގެންގުޅޭ ސޯކްލިން ފުޅިތަކަށް އަޅައިގެން ގެއަށް ނުގެންދާ ކަމަށް ހަސީނާ ބުނާ އިރު ކުރީގެ ޖިނާއީ ކޯޓުގައި ހެކިބަސް ދިން ސިވިލް ސާވިސް ކޮމިޝަންގެ މަސައްކަތު ވަޒީފާގައި އުޅޭ ދެ މީހަކު ހައިކޯޓުގައި ވެސް ހަސީނާ އެކަން ކުރިކަމަށް ހެކިބަސް ދީފައިވާކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ކުރީގެ ޖިނާއީ ކޯޓުން ޖެނުއަރީ14، 2010 ގައި ކުރި ހުކުމްގައި ބުނެފައި ވަނީ ހަސީނާ އެކަން ކުރި ކަމަށް ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަސީނާ ހަ މަސް ދުވަހަށް އަރުވާލުމަށް ހުކުމް ކުރި ކަމަށެވެ.