26 Nov 2011, 11:49
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ނަވީ ޕިއްލޭ ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވަމުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޑީޕީ ސަރުކާރުގެ ބޮލުގައި އެއްވެސް ކަމެއް އެޅުވޭނެ ޖާގައެއް ނެތް ކަމަށާއި އެކަންތައް އިންތިޒާމް ކުރުމުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި މަޖިލީހުގެ އިދާރާ އިން ބަލަން ޖެހޭ މިންވަރަށް ކަންތައްތައް ބަލާފައިނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެކަންތައްތައް ކުށްވެރި ކުރައްވައިފި އެވެ.
މުސްތޮފާ މިއަދު ފޮނުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގައި ތަގްރީރު ކުރައްވަމުން އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި މަޖިލީހުގެ ރޯލާއި ޑިމޮކްރަސީއާ ގައުމުގައި ހިންގާ ކަންތައްތައް ބެލުމާއި ސަރުކާރު ޒިންމާދާރު ކުރުވުމާ ބެހޭ ގޮތުން ޕިއްލޭ ދެއްކެވި ވާހަކަތަކަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް ޕިއްލޭގެ ވާހަކަފުޅުގެ ވަކި ހިސާބަކުން ހައްދު ޖެހުމަކީ ލާއިންސާނީ ކަމެއް ކަމަށާއި އެކަމަކީ އަންހެނުންގެ ގަދަރަށް އަރައިގަތުން ކަމަށް ވިދާޅުވެ، ހައްދުޖެހުން މަނާކުރާ މުއާހަދާއަށް ރާއްޖޭން ތާއިދުނުކުރި ކުރުން އަނބުރާ ގެންދެވުމަށް ގޮވާލެއްވި ހިސާބުން އެކަމަކީ ނުބައި ރޭވުމެއްގެ ފެށުން ކަމަށް ދެކެވަޑައިގެންނެވި ކަމަށް މުސްތޮފާގެ ވިދާޅުވެފައިވެ އެވެ.
"ޕިއްލޭގެ ވާހަކަތައް ފެށުނު އިރު އަޅުގަނޑު ވެސް އިނީ ގައުމާ މެދު ފަހުރުވެރިވެފައި، ނަމަވެސް ޕިއްލޭގެ ރާގު ބަދަލުވި ހިސާބުން އަޅުގަނޑު އިނީ ވަރަށް ކަނބޮޑުވެ އެތަނުން ނިކުންނަށް ވެސް ބޭނުންވެފައި، ނަމަވެސް އެފަދަ މަޖިލީހަކުން އެގޮތަށް ނުކުތުމަކީ ރަނގަޅު ކަމަކަށް ނުވާނެތީ އިނދެވުނީ. ޕިއްލޭގެ ވާހަކަފުޅުގައި ރާއްޖޭގައި ގާނޫނު އަސާސީއެއް ނެތް ކަމާއި ގުރުއާންގެ ނަސްފުން އައިސްފައިވާ ކަންކަމާއި އިދިކޮޅަށް ފާޅުކަން ބޮޑުގޮތަކަށް ފާޑު ކިޔާ ގޮންޖައްސަވައި އިސްލާމްދީނުގެ އަސާސްތަކާ ހިލާފަށް މަޖިލިސްގައި ވާހަކަ ދައްކަވަން އޭނާ އަށް ފުރުސަތު ދިނުމަކީ އޮޅުމަކުން މަޖިލީހަށް ކުރެވުނު ކަމެއް ނޫން،" ކަމަށް މުސްތޮފާ ވިދާޅުވި އެވެ.
މުސްތޮފާ ވިދާޅުވީ ޕިއްލޭގެ ވާހަކަ އިން އޭނާ އަށް ދޭހަވެވަޑައިގެންނެވި ގޮތުގައި "ޔުނިވާސަލް ޑިކްލަރޭޝަން"އެއްގައިވާ ސްޓޭންޑަޑަށް ރާއްޖެ އިން ތަބާވުމަށް ބާރު އެޅުއްވި ކަމަށާއި ނަމަވެސް އެފަދަ މުއާހަދާތަކުގައި ބައިވެރިވުމާ ނުވުމުގެ ބާރު ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ކަމަށެވެ.
މުސްތޮފާގެ މެސެޖު ނިންމާލައްވަމުން ވިދާޅުވެފައި ވަނީ ޕިއްލޭ ދެއްކެވި ވާހަކަފުޅުތަކަކީ ބަޔަކު ހައިރާންވެގެން މަގުތައް މައްޗަށް ނުކުންނަންވީ ކަމެއް ނޫން ކަމަށާއި އޭނާއަކީ ކްރިއަސްޓިއަންދީން ގަބޫލްކުރާ މީހަކަށްވާ އިރު އެފަދަ މީހަކު ދެއްކި ވާހަކައަކަށް ސިޔާސީ ގޮތުން މަންފާތަކެއް ހާސިލްކުރަން އުޅޭ މީހުންނަކީ ވެސް އޭނާ ހުރި އަގީދާގެ މީހުންނަށް ނޫނީ ނުވާނެ ކަމަށެވެ.
ޒިނޭކުރާ މީހުންގެ ގައިގައި ހައްދުޖެހުމާ ގުޅޭ ގޮތުން މަޖިލީހުގައި ޕިއްލޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ބަޔަކު ވަނީ އިއްޔެ އާއި ރޭ ވެސް މާލޭގައި މުޒާހަރާކޮށްފަ އެވެ.